logoEN
ޚަބަރު

ލަންކާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

26 ޑިސެމްބަރު 2024 - 15:55

ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން 468 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުން ހައްޔަރުކުރި 5 މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ. އެއަށްފަހު ބޯޓު ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސް ބަލައި ފާސްކުރިއިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް ކޮމިޝަނާ އިފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހައިކަންހާއިރު މަކުނުދޫ ބޭރުން އަތުލައިގަނެފައިވަނީ "އަށެންޕުތަ" ނަމަކަށް ކިޔާ މަސްބޯޓެެކެވެ.

އެ ބޯޓުން ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ.

ހައްޔަރުކުރި މީހުންނަކީ:

  1. ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)
  2. މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)
  3. ޗަމޮދް ދިވަންގާ ދިލަކާވަ (22އ)
  4. ލޮރެންސު ހޭވާގީ ސަރަތު (56އ)
  5. ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37އ)

އެ 5 މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ބަންދުގެ މުއްދަތު އެއް މަހަށް އިތުރުކޮށްފައިވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ބޯޓަކުން ކަމަށްވެފައި، އެމީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވާ ފަރާތްތަކެއް ކަމަށް ބެލެވޭތީ އެވެ.

އަދި އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތްކަމަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށާއި، އެއީ ބިދޭސީ ބަޔަކަށް ވުމުން ދޫކޮށްލައިފިނަމަ ފިލުމުގެ އިހްތިމާލެއް ވެސް ވުޖޫދު ވާތީ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

ކޮމެންޓް

871x217_placeholder