ޞަންޢާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ހޫޘީން އެމެރިކާއަށް އިންޒާރު ދީފި

އެމެރިކާ އިން ސަންއާއަށް ދިން ހަމަލާތަކަށް ފަހު

01 ޖެނުއަރީ 2025 - 10:11
އެމެރިކާއިން ޔަނަމުގެ ޞަންޢާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އެ ޤަައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ހޫޘީން އެމެރިކާއަށް އިންޒާރު ދީފިއެވެ.ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ޑްރޯންނާއި މިސައިލު ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އަދި އިސްރާއީލުގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެ ޖަމާޢަތުން ފަށާފައިވާ ޙަރަކާތްތަކެކެވެ.އެ ޖަމާޢަތުން ވަނީ ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑަށް ވެސް އަސްކަރީ ޙަރަކާތްތައް ފުޅާ ކޮށްފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ވަނީ ފަށައިފައެވެ. މި ސަބަބުތަކަށްޓަަކައި އެމެރިކާއާއި ޔަހޫދީ ދައުލަތުގެ ފަރާތުން ޔަމަނަށް އަމާޒު ވަމުންދާ ޙަމަލާތައް ވަނީ އިތުރު ވެފައެެވެ.ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ ސަންޢާގެ ދެ ޑިސްޓްރިކްޓަކަށް އަމާޒުކޮށް 12 ޙަމަލާ ދީފައެވެ. އެ ޙަމަލާތައް ދިން ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.އެ ޙަމަލާތަކާ ގުޅިގެން ހޫޘީންގެ ތަރުޖަމާނު މުޙައްމަދު އަބްދުއްސަލާމު ބުނީ އެމެރިކާއިން ޔަމަނަށް އަމާޒުކޮށް އެތައް ޙަމަލާއެއް ދިން ނަމަވެސް ޤައުމު ދިފާޢު ކުރުމުގައި ޤައުމުގެ އެންމެން ވެސް ދެމި ތިބޭނެ ކަމަށެވެ. ޔަމަނަށް ދޭ ޙަމަލާއަކީ މިނިވަން ދައުލަތެއްގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށާއި އެއީ ނިރުބަވެރި ޔަހޫދީ ދައުލަތުން ފަލަޞްޠީނުގެ ޣައްޒާގައި ހިިންގަމުންދާ ޖަރީމާއަށް ހިތްވަރު ދިނުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.މިދިޔަ ހަފުތާގެ ތެރޭގައި ޔަހޫދީ ދައުލަތުން ވެސް ވަނީ ސަންޢާގެ ވައިގެ ބަނދަރަށް ވަރުގަދަ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ތިން މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެ އިތުރުން މައި ބަނދަރު ހުންނަ ޙުދައިދާއަށް ދިން ޙަމަލާގައި ވެސް ތިން މީހުން ވަނީ ޝަހީދު ވެފައެވެ. އެ ޙަމަލާތަކާ ގުޅިގެން ހޫޘީން ވަނީ އެ ޙަމަލާތަކުގެ ބަދަލުގައި އަވަސް ރައްދެއް ދޭނެ ކަމަށް ބުނެފައެވެ. ޔަހޫދީ ފައުޖުން ދޭ ކޮންމެ ޙަމަލާއަކާ ވިއްދައިގެން އެ އަށްވުރެ ވަރުގަދަ ޙަމަލާއެއް ދޭނެ ކަމަށް ހޫޘީން ވަނީ އިންޒާރު ދީފައެވެ.ޔަހޫދީ ޣައިރު ގާނޫނީ ދައުލަތުން ވަނީ ހޫޘީންނަށް ދޭ އެންމެ ފަހު އިންޒާރު ކަމަށް ބުނެ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ދެމުންދާ މިސައިލް ޙަމަލާތައް ހުއްޓައިލުމަށް ގޮވައިލައިފައެވެ. ނަމަވެސް އޭގެ ގަޑިއިރުކޮޅެއް ފަހުން ހޫޘީން ވަނީ ޔަހޫދީންނަށް އަމާޒުކޮށް މިސައިލް ޙަމަލާއެއް ދިނުމަށް ޖެހިލުންކުޑަކަމާ އެކު މަސައްކަތް ކޮށްފައެވެ. ހޫޘީންގެ އިންޤިލާބީ ކޮމިޓީގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަލް-ހޫޘީ ވެސް ވަނީ ޔަހޫދީ ދައުލަތަށް އަމާޒު ކުރާ ޙަމަލާތައް ހުއްޓައި ނުލާނެ ކަމަށް ބުނެފައެވެ.
އިތުރު ލިޔުންތައް

ޔަހޫދީން މަސައްކަތް ކުރަނީ ހޫޘީންނަކީނިރުބަވެރި ޖަމާއަތެއް ކަމުގައި ކަނޑައެޅުމައް
4 މަސް ކުރިން
ޔަހޫދީންނަށް ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމައިފި
3 މަސް ކުރިން
ޔަހޫދީ ދައުލަތަށް ނިސްބަތްވާ ހަތަރު މީހެއްގެ ހަށިގަނޑު ހަވާލުކޮށްފި
2 މަސް ކުރިން