logoEN
ރިޕޯޓް

ޤައުމަށް ވުރެ ފައިކޭޓު އިސްކުރި މީހުންނަށް ނޫނެކޭ ބުނަންޖެހޭ

މުހައްމަދު މޫސާމުހައްމަދު މޫސާ

03 ޖެނުއަރީ 2025 - 06:05

26 އޯގަސްޓް 2024 ގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ހިނގަމުން ދިޔަ ވަގުތު އެ ޖަލްސާގެ ވާހަކަތައް އަޑުއަހާލައި، ކަރުދާހަށް ތިރިކޮށްލަންޖެހޭ ބާވަތުގެ ވާހަކަތައް ހުނިޖަހައިލުމަށް އަޅުގަނޑު އިނީމެވެ. އެ ޖަލްސާއަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްކަމަށް ވުމުންނެވެ.

އޭގެ ކުރީ ދުވަހަކީ ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން)އިން ބޮޑު ނިންމުމެއް ނިންމި ދުވަހެކެވެ. އެދުވަހު އެ ބޭންކުން ވަނީ ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ ރުފިޔާ ކާޑުތަކުން ޑޮލަރު ދޫކުރުން ހުއްޓާލައި، އެކަން ޢިއުލާންކޮށްފައެވެ.

ކޮންމެއަކަށް ޕީއެންސީން ޖަލްސާ އަޑުއަހަން އަޅުގަނޑު އިނީމެވެ. އެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. ރައީސް އެރޭ ދެއްކެވި ވާހަކަފުޅުގައި ދެ ބަޣާވާތެއްގެ ވާހަކަ ވިދާޅުވިއެވެ. ފުރަތަމަ ބަޣާވާތަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ވެރިކަމާއި ދެކޮޅަށް ގެންނަން އުޅުނު ބަޣާވާތެއްކަމަށް ވިދާޅުވިއެވެ. ދެވަނަ ބަޣާވާތަކީ، ބީއެމްއެލްއިން އޭގެ ކުރީ ދުވަހު، ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ ރުފިޔާ ކާޑުތަކުން ޑޮލަރު ދޫކުރުން ހުއްޓާލައި ބީއެމްއިލް ގެންނަން އުޅުނު ބަޣާވާތްކަމަށް ވިދާޅުވިއެވެ. ރައީސްގެ އެރޭގެ ވާހަކަފުޅުގައި ވެސް އަދި ވާހަކަދެއްކެވި ބައެއް ވަޒީރުން ވެސް ބީއެމްއެލްގެ އެ ނިންމުމުގެ ފަހަތުގައި އިދިކޮޅު އެމްޑީޕީގެ އަތެއް އޮތްކަމަށް ސިފަކުރެއްވިއެވެ. އެ ސިފަކުރުން ގެންނެވީ އެބޭފުޅުންނަށް ލިބިވަޑައިގަތް މަޢުލޫމާތާއި، ކަން ހިނގާދިޔަ ގޮތް ''ޑޮޓް ތަކަކުން'' ގުޅުވާލައިގެންނެވެ.

ރައީސް ވިދާޅުވި ދެ ބަޣާވާތުންކުރެ މަޖިލިސް ތެރެއިން މިވެރިކަމާއި ދެކޮޅަށް ގެންނަން އުޅުނު ބަޣާވާތުގެ މާބޮޑު ތަފްސީލެއް މިހާތަނަކަށް ނެތެވެ. ނަމަވެސް އެމެރިކާގެ މަޝްހޫރު ދުވަހު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓަކާއެކު އެކަން ތިލަވެގެން ހިނގައްޖެއެވެ. ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަމުގެ ދަހިވެތިކަމުގައި އޭރުގެ އާރާއި ބާރުގައި ތިބި އެމްޑީޕީން ކޮށްފައި ނުކުރާނެ ކަމެއް ނެތްކަން މިހިސާބުން ހިތާހިތާ ކިޔައިލެވިއްޖެއެވެ.

ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުގެ ބޮޑު ރޭވުމެއް

ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުން ދިޔަ ކަމަށެވެ. މި ރޭވުމުގައި "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ނަމުގައި ތައްޔާރުކޮށްފައިވާ ކަރުދާހެއްގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރާވާފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ވެސް ރޭވިފައިވާ ކަމަށް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފައިވެއެވެ. މި ޕްލޭނަށް ހަ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ) ކަނޑައަޅާފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

މި ރޭވުމަށް އަމަލީ ސިފައެއް ނުގެނެވުނީ، ރައީސް މުޢިއްޒު މަޤާމުން ދުރުކުރުމަށް އެކަށީގެންވާ އަދަދަށް މެންބަރުން ނުލިބުމުންނެވެ. ފައިސާގެ މައްސަލަ ދިމާވުމާ ގުޅިގެން، އެމްޑީޕީގެ ބައެއް މެންބަރުން އިންޑިއާއިން ފައިސާ ހޯދުމަށް ހުށަހެޅި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން މި ބަޣާވާތުގެ އިސް މޭސްތިރިންނަކީ އިދިކޮޅު އެމްޑީޕީ އެވެ. އެކަމުގައި އެމްޑީޕީގެ އޭރުގެ މަޖިލިސް ދެ މެމްބަރަކު އިސް ދައުރެއް އަދާކޮށްފައިވާއިރު، އެ މެމްބަރުންގެ މަސައްކަތް ގުޅިފައިވާނީ އެމްޑީޕީގެ ވެރިންގެ އިރުޝާދާއިކަމާމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ.

ބަލައިގަނެވޭނެ ޢަމަލެއްނޫން، އެފަދަ ބަޔަކަށް ނޫނެކޭ ބުނަންޖެހޭ

ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ރާއްޖޭގެ އިދިކޮޅު ޕާޓީން ރާވާފައިވާ ކަމަށް ބުނާ ބޮޑު ރޭވުމެއްގެ މަޢުލޫމާތު ހާމަވެގެން ދިޔުމާ ގުޅިގެން، މި ކަމާ މެދު ޤައުމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރެވެމުންދެއެވެ. ޤައުމަށް ހެޔޮއެދޭ އެއްވެސް ބަޔަކު ޤާނޫނީ ސަރުކާރު ވައްޓާލަން ނުރާވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި ފަދަ ޣައިރު ޤާނޫނީ އަދި ޤައުމުގެ މަސްލަހަތާ ޚިލާފު ޢަމަލުތަކަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. ޤައުމުގެ މަސްލަހަތަށްވުރެ އަމިއްލަ ފައިދާ އިސްކުރާ ފަރާތްތަކަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނަން ޖެހިފައިވެއެވެ. ޤައުމީ ސަލާމަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ޒިންމާއެކެވެ.

ޤާނޫނީ ސަރުކާރަކަށް ނިމުންގެންނަން މިގޮތަށް ކުރެވޭ މަސައްކަތުގެ ހުރިހާ ހިތްދަތިކަމެއް ތަހައްމަލު ކުރަންޖެހޭނީ އާޚިރުގައި ދިވެހި ރައްޔިތުންނެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ނާޒުކް އިޤްތިޞާދެއްގެވެރި ޤައުމަކަށް ވީހިނދު، ޤައުމު ހަލަބޮލިވެ، އުފެދޭ ހަމަނުޖެހުމާއި ނުތަނަވަސްކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ އިޤްތިޞާދުގެ ރަންބިސްއަޅާ ކުކުޅަށެވެ. އާޚިރުގައި ޤައުމު އިނދަޖެހި، ރައްޔިތުން މަގުމަތިވާނީއެވެ. މިކަމަށް ވިސްނާލުމެއްނެތި އަމިއްލަ ފައިކޭޓުގެ ދަހިވެތިކަން ނޫންއެހެންކަމެއް ނެތް ބަޔަކު ރޭވި ރޭވުމެއްގެ އެތެރެފުށް، ބޭރު ކަރައެއްގެ ނޫހަކުން މިވަނީ ތިލަކޮށްފައެވެ.

ޤައުމަށް ގައްދާރުވާ މިފަދަ މީހުންނަށް ކުރިމަގުގައި ފުރުސަތެއް ދިނުމާމެދު ރައްޔިތުން ވިސްނާލަންޖެހެއެވެ. ޤައުމަށް ހެޔޮނޭދޭ ބަޔަކު، އަމިއްލަ ފައިކޭޓު ފުރަން އުޅޭބަޔަކު ޤައުމަށް، ރައްޔިތަކަށް ހެޔޮކަމެއް ވެސް ނުކުރާނެއެވެ. ބަލާނީ ބާރު ހޯދައިގެން ފައިކޭޓްތައް ފުރާލަން ނޫންތޯއެވެ؟

315x437_placeholder

ކޮމެންޓް

871x217_placeholder