logoEN
ޚަބަރު

އެމްޑީ ޝަކީލްގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސް އަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

05 ޖެނުއަރީ 2025 - 15:36

އަންނަ އަހަރުން ފެށިގެން ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމުމުން ހައްޖު ކޯޕަޜޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ތައުރީފް ކުރައްވައިފި އެވެ.

ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މި ނިންމެވުން އެމަނިކުފާނު ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ޙައްޖުގެ އަޅުކަން އަދާކުރަން ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުސަތު ދިނުމުގައި މީގެ ފަހުން ޢަމަލުކުރާނީ އައު އުސޫލުގެ ދަށުން ކަމަށެވެ.

އެގޮތުން އެ އުސޫލުގެ ދަށުން ގެނެވުނު އެންމެ ބޮޑު ބަދަލަކީ، އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުމާއި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުމަށް ވަނީ ނިންމާފައެވެ.

އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން ހަތްދިހަ ފަސް އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުމުގެ އިތުރުން ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދިނުމުގައި އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުންކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ

"މި ނިންމެވުމުގެ ސަބަބުން އުމުރުން ދުވަސްވީ ފަރާތްތަކުން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރަމުން އައި އިންތިޒާރަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ."ޝަކީލް ވިދާޅުވި އެވެ.

ކޮމެންޓް

871x217_placeholder