ކެނެޑާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
07 ޖެނުއަރީ 2025 - 05:06
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ކެނެޑާގެ ވެރިކަމުގައި ގާތްގަނޑަކަށް 10 އަހަރު ވަންދެން ހުންނެވުމަށްފަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.
ޓްރޫޑޯ މަގާމުން އިސްތިއުފާދެއްވިކަން އިއުލާންކުރެއްވީ އިއްޔެގެ ވަގުތެއްގައެެވެ. އެހެން ނަމަވެސް، އޭނާގެ ޕާޓީ ކަމުގައިވާ، ލިބަރަލް ޕާޓީން އާ ލީޑަރަކު ކަނޑައަޅަންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ލިބަރަލްގެ އިސް ފަރާތްތަކުން އޭނާ އިސްތިއުފާ ދެއްވުމަށް ބާރު އެޅުއްވުމާ ގުޅިގެން އޮޓާވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ވެރިކަން ކުރާ ލިބަރަލް ޕާޓީން އާ ލީޑަރަކު ހޮވުމާއެކު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ޓްރޫޑޯ ވިދާޅުވީ، އެ ޕާޓީގެ ލީޑަރުގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރުކަމުން ވެސް އިސްތިއުފާ ދެއްވަން ގަސްދުކުރައްވާ ކަން ޕާޓީއަށާއި ގަވަރުނަރަށް އަންގާފައިވާނެ ކަމަށާއި، ގައުމީ ފެންވަރުގައި ވަރުގަދަ ވާދަވެރި މަރުހަލާއެއްގެ ތެރެއިން މަގާމަށް އައު ބޭފުޅަކު ހަމަޖެއްސެވުމާއެކު އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އުމުރުން 53 އަހަރުގެ ޓްރޫޑޯއަށް އަމިއްލަފުޅުގެ ޕާޓީގެ ތެރެއިން އިސްތިއުފާ ދެއްވުމަށް ޕްރެޝަރު ބޮޑުވެފައިވަނިކޮށް، އެ ވާހަކަތައް ބޮޑަށް ދެކެވެން ފެށީ ޑިސެމްބަރު މަހު ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލެންޑް ކުއްލިއަކަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެ ކަމަނާ ވަނީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާގެ މުދަލުން ޓެރިފް ނަގާނެ ކަމަށް ވިދާޅުވި ވިދާޅުވުން ޓްރޫޑޯ ސީރިއަސްކޮށް ނުނަންގަވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ޓްރަޕްމްގެ އެ ނިންމެވުމުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ޓްރޫޑޯ ނުކުރައްވާ ކަމަށް އިސްތިއުފާ ދެއްވިކަން އިއުލާނުކުރައްވައި އާންމުކުރެއްވި ސިޓީފުޅުގައި ފްރީލެންޑް ލިޔުއްވާފައިވެއެވެ.