logoEN
ޚަބަރު

"ސަރުކާރުން އެންމެ އިސްކަން ދޭނީ ވައުދުތައް ފުއްދަން"

ރައީސް މުޢިއްޒު، ހޯނޑެއްދޫޣެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒު، ހޯނޑެއްދޫޣެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

07 ޖެނުއަރީ 2025 - 06:38

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ ފުއްދުމަށް ވީ ވައުދުތަކެއް ކަމަށާއި، އެ ވައުދުތައް ފުއްދުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިހާރު ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯނޑެއްދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، މި އަހަރުގެ ބަޖެޓު ވެސް އެކުލަވާލީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމުގެ ބޭނުމުގައި ކަމަށާއި، އެ ބަޖެޓަކީ ވެސް ވައުދު ފުއްދުމުގެ ބަޖެޓެއް ކަމަށެވެ. އަދި އެ ބަޖެޓުން، އެ ވައުދުތަކަށް ނަތީޖާ ނެރެދޭނެ ކަމަށާއި، އަމަލީ ގޮތުން ނާތިޖާ ނެރެދިނުމަށް ސަރުކާރުން މި އަހަރުގެ ތެރޭގައި މަސައްކަތް ކުރާތަން ރައްޔިތުންނަށް ވެސް މި އަހަރު ފެންނާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ވީ ހުރިހާ ވައުދަކީ އަޅުގަނޑު ފުއްދުމަށް ވީ ވައުދުތަކެކޭ، ސަމާލުކަން ދޭ ވައުދުތަކެކޭ. ސަރުކާރުން އެންމެ ބޮޑު އިސްކަން ދޭނީ ވައުދުތައް ފުއްދަން.އެހެންވީމާ، މި އަހަރުގެ ބަޖެޓު އަޅުގަނޑުމެން މި ހެދީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އެ ބޭނުމުގައި. ވައުދު ފުއްދުމުގެ ބަޖެޓެއް މިއީ. ވައުދުތަކަށް އަަމަލީ ސިފައިގައި ނަތީޖާ ނެރެދިނުމުގެ، ގެނެސްދިނުމުގެ ބަޖެޓެއް އެއީ. އެހެންވީމާ މި އަހަރު ވެގެންދާނީ ތަރުތީބު ކުރެވިގެން، އެކި ދާއިރާތަކުގައި، އެކި ރަށްރަށުގައި މިގޮތަށް އަޅުގަނޑު، އޭރުގައި ކެމްޕެއިން ތެރޭގައި ރަށްރަށަށް ގޮސްވި ވައުދުތައް ފުއްދުމަށްޓަކައި އަދި މެނިފެސްޓޯގައި ހިމަނާފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި މަސައްކަތްކުރެވޭ އަހަރަކަށް. އެހެންވީމާ، ނަތީޖާ އަމަލީ ގޮތުން ރައްޔިތުންނަށް ފެންނާނެ، މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުން. ހަމަ މި ރަށުގައި ވެސް އަދި ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޚިޔާލުތައް ވެސް އަޑުއަހަން ކަމަށެވެ. އަދި ރައްޔިތުން އެދޭ ފަދަ ޙައްލުތައް މި ދަތުރުތަކުގެ ތެރެއިން ގެނެސްދެވޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މިއަދު ހޯނޑެއްދޫއަށް މި ކުރެއްވި ދަތުރުފުޅަކީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، އެ ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ނިންމެވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder