އަންނަ ރޯދަ މަހުގެ ކުރިން ކަރަންޓުގެ މައްސަލައަށް ޙައްލު ހޯދައިދޭނަން: ރައީސް
ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ރައީސް އޮފީސް
08 ޖެނުއަރީ 2025 - 06:33
މި އަންނަ ރަމަޟާން މަހުގެ ކުރިން، ރާއްޖޭގައި ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ގެނެސްދެއްވާނެކަމުގައި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ޙައްލެއް ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރާނެ މަސައްކަތެއް ކަމަށާއި، މިހާރު ވެސް ވަރަށް ގިނަ ރަށްތަކުގައި ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.
އެގޮތުން ކަރަންޓުގެ މައްސަލައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ފެނައިގެ އިންޖީނުގެތަކުގައި ބެހެއްޓިފައިވާ ޖެނެރޭޓަރުތައް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ޖެނެރޭޓަރުތައް ހަލާކުވެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން އެ ޖެނެރޭޓަރުތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ކަމަށެވެ.
އަދި އެކަން ޙައްލުކުރުމަށް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ވަރަށް އިސްކަމެއް އަޅުގަނޑުމެން ދެން، ޚާއްސަކޮށް ރޯދަ މަސް އަންނާތީ އާ އެކީގައި ކަރަންޓުގެ މައްސަލައަށް ޙައްލު ގެނެސްދިނުމަށް. މީ މިރަށެކޭ އެއްގޮތަށް ހަމަ ވަރަށް ގިނަ ރަށްތަކުގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. ފެނަކައިގެ އިންޖީނުގެތަކުގެ ޖެނެރޭޓަރުތައް ހަލާކުވެ ނުވަތަ ބަދަލުކުރަން ޖެހި ނުވަތަ އިތުރުކުރަން ޖެހި ސައިޒު ބޮޑުކުރަންޖެހިފަ މިހިރީ. މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު މިކަންތައްތައް ރަނގަޅުކުރުމަށްޓަކައި. އެއީ އަޅުގަނޑުމެންނާ ހަވާލުވި އިރުގައި އެތަށް އަހަރެއްވެފަ އޮތީ އެތަންތަން ރަނގަޅަށް ނުބަލަހައްޓައި، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ނަމަވެސް، މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ، ފެނަކަ، އެސްޓީއޯ އަދި އެމްޓީސީސީ ގުޅިގެން ކުރިޔަށް އޮތް ރޯދަ މަސް އަންނަންވާ އިރަށް، ހުރިހާ ރަށެއްގައި ޖެނެރޭޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް އަމާޒު ހިފާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެން ޚާއްސަ މަސައްކަތްތަކެއް ފަށައިފިން ފިނޭންސް މިނިސްޓްރީ އާއި ފެނަކަ އާއި އެސްޓީއޯ އެމްޓީސީސީ ކުންފުނިތައް ގުޅި، ކުރިޔަށް އޮތް ރޯދަ މަސް އަންނަންވާ އިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގަ ހަމަ އެންމެ ރަށެއް ވެސް، މައްސަލަ އޮތް ރަށެއް ވިއްޔާ ހިމެނޭ ގޮތަށް އެންމެ ރަށެއް ވެސް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖެނެރޭޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް ގެންނަން ޖެހޭ ޖެނެރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް އެފަދައިން ވިދާޅުވިއިރު، ކަރަންޓުގެ މައްސަލައިގެ ސަބަބުން އެކި ރަށްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފެނަކައިން އިސްނަގައިގެން، އެކި ރަށްތަކުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ހއ. ކެލާ، ނ. ވެލިދޫ، މ. ނާލާފުށި އަދި ފުވައްމުލައް ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖެނެރޭޓަރުތައް އެރަށްތަކަށް މިހާރު ވަނީ ގެންގޮސް އިންސްޓްލޯ ވެސް ކޮށްފައެވެ.