ވަގު ފޯމުތަކެއް ހުށަހެޅި ނަމަވެސް ސައްޚަކަން ކަށަވަރު ނުކުރެވޭ، އެކަން ކުރެވެނީ އީސީއަށް: ޕީއެންސީ
ޕީއެންސީގެ ޖަލްސާއެއްގައި ރައީސް މުޢިއްޒު އަދި ދައުލަތުގެ އެންމެ އިސް ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް
14 ޖެނުއަރީ 2025 - 06:49
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީން ) ކުރިއަށް ގެންދިޔަ "މެންބަޝިޕް ޑްރައިވް"ގެ ތެރެއިން އިލެކްޝަންސް ކޮމިޝަން އަށް ހުށަހެޅި ފޯމުތަކުގެ ސައްޚަކަން ކަށަވަރުކުރެވޭނެ ގޮތެއް ޕާޓީގައި ނެތް ކަމަށާއި، އެ ފޯމުތަކުގެ ސައްޚަކަން ކަށަވަރުކުރެވެނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކަމުގައި އެ ޕާޓީން ބުނެފިއެވެ.
ވަގު ފޯމުތަކުގެ ޝަކުވާ އާއި މައްސަލަ ބޮޑުވެފައި ވަނިކޮށް ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން ކުރިއަށް ގެންދިޔަ މެންބާޝިޕް ޑްރައިވްއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމު ހުށަހެޅި އެއް ހަރަކާތަށް ވެފައި، ޕާޓީގެ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތުން އެ ފޯމުތައް އީސީއަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅިކަމަށެވެ.
އަދި އެކަމުގެ ތެރެއިން ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅިކަން މިހާރު އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމާ ގުޅިގެން އީސީ އާއި ފުލުހުންނަށް މައްސަލަތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް އެ އިދާރަތަކުގެ ފަރާތުން އަންގާފައިވާކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.
އެހެން ނަމަވެސް އެ ފޯމުތަކުގެ ސައްޚަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީގައި ނެތުމުގެ ނަތީޖާއަކީ، ހުށަހެޅޭ ފޯމެއްގެ ސައްޚަކަމާ މެދު ސުވާލެއް އުފެދޭ ހިސާބަކީ އީސީއަށް އެ ފޯމެއް ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުން ކަމުގައި އެ ބަޔާނުގައި ބުންޏެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މާހައުލެއް ރާއްޖޭގައި ވުޖޫދުކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގައި ވަސީލަތްތައް ހުރިގޮތުން އެކަމަކީ އެ ޕާޓީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަމުގައި ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެ ޕާޓީގެ ނަމުގައި އީސީއަށް ހުށަހެޅިފައިވާ ވަގު ފޯމުތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް ބެލުމުގައި ކަމާ ގުޅޭ އިދާރަތަކަށް އެ ޕާޓީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމުގައި ވެސް އެ ބަޔާނުގައި ޕީއެންސީން ބުންޏެވެ.
އަދި ރައްޔިތުންގެ ހައްގު ގެއްލޭފަދަ އެފަދަ ކަމެއް ކުރުމަކީ އެ ޕާޓީގެ ފަރާތުން އަދި ލީޑާޝިޕްގެ ފަރާތުން ވެސް ބަލައިގަންނާނެ ކަމެއް ނޫންކަމުގައި އެ ބަޔާނުގައި ޕީއެންސީން ބުނެފައިވެއެވެ. އެހެންކަމުން އެފަދަ މައްސަލައެއް ދިމާވެފައިވާނަމަ އެ ޕާޓީއަށް އަށް ހުށަހެޅުމަށް ވެސް އެ ޕާޓީން ވަނީ އެދިފައެވެ.
ޕީއެންސީން އެފަދައިން ބުނެ ބަޔާނެއް ނެރެފައިވަނީ، އެހެން ޕާޓީތަކުގައި ތިބި މެންބަރުންތަކެއް އެ ޕާޓިއަށް ވެއްދި މައްސަލަތަކެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދިޔުމާ ގުޅިގެންނެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު، ހުސައިން ޒިޔާދު ވެސް ޕީއެންސީއަށް ވަގަށް ވެއްދި މައްސަލަ ބޮޑުވެ، އެކަން އީސީގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އެކަމާ ގުޅިގެން މެންބަރު ޒިޔާދުގެ މަޖިލީހުގެ މެންބަރުކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، އެ ފޯމު ވެސް ބާތިލްކޮށްފައިވާ ކަމުގައި އީސީން ވަނީ ބުނެފައެވެ.