ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެއަށްް ކަޅު ތެޔޮ ޖެހި މައްސަލަ ބަލަނީ
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅު ތެޔޮ ޖަހައިފައި -- ފޮޓޯ: މީސަމް މުބީން / މެންދުރު
15 ޖެނުއަރީ 2025 - 05:27
ޗާންދަނީ މަގުގައި ހުންނަ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ދަނޑިކޮށި ޖަގަހަޔަށް ކަޅު ތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އެ ޖަގަހައަށް ކަޅު ތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު 12:59 ހާއިރުއެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވާއިރު ވަގު ފޯމު ހުށަހަޅައިގެން ސަރުކާރު ހިންގާ ޕީއެންސީ އަށް މެންބަރުން އިތުރު ކުރާކަމަށް ބުނެ، އެމްޑީޕީން އަންނަނީ ޕީއެންސީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ވަގު ފޯމުތަކުގެ ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ ކަމަށް އެ ޕާޓީން ތުހުމަތުކުރާ ފަރާތްތަކުގެ ފޮޓޯ، އިއްޔެ އެ ހަރުގޭގައި ވަނީ ހަރުކޮށްފައެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅު ތެޔޮ ޖަހައިފައި -- ފޮޓޯ: މީސަމް މުބީން / މެންދުރު
އެގޮތުން މީގެ ކުރިން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެމްޑީޕީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެ ޕާޓީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ، އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް އެކިފަހަރު ގެނެސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިއްޔެ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން ކުރިއަށް ގެންދިޔަ މެންބާޝިޕް ޑްރައިވްއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ސިޔާސީ ޕާޓީއަކަށް މެންބަރުން ވަނުމަށް ފޯމު ހުށަހެޅި އެއް ހަރަކާތަށް ވާއިރު، އެ ހަރަކާތުގެ ތެރެއިން ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅިކަން މިހާރު އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އީސީ އާއި ފުލުހުންނަށް މައްސަލަތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް އެ އިދާރަތަކުގެ ފަރާތުން އަންގާފައިވާކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.
އެހެން ނަމަވެސް އެ ފޯމުތަކުގެ ސައްޚަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީގައި ނެތުމުގެ ނަތީޖާއަކީ، ހުށަހެޅޭ ފޯމެއްގެ ސައްޚަކަމާ މެދު ސުވާލެއް އުފެދޭ ހިސާބަކީ އީސީއަށް އެ ފޯމެއް ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުން ކަމުގައި އެ ބަޔާނުގައި ބުންޏެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މާހައުލެއް ރާއްޖޭގައި ވުޖޫދުކުރެވުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގައި ވަސީލަތްތައް ހުރިގޮތުން އެކަމަކީ އެ ޕާޓީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫންކަމުގައި ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެ ޕާޓީގެ ނަމުގައި އީސީއަށް ހުށަހެޅިފައިވާ ވަގު ފޯމުތަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް ބެލުމުގައި ކަމާ ގުޅޭ އިދާރަތަކަށް އެ ޕާޓީގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމުގައި ވެސް އެ ބަޔާނުގައި ޕީއެންސީން ބުންޏެވެ.