ސްޕެނިޝް ކޮޕަޑެލްރޭގެ ކުއާޓަރ ފައިނަލަށް ބާސެލޯނާއާއި އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފި
ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ 5 ގޯލު ޖަހާފައި. ފޮޓޯ: ބާސެލޯނާ
16 ޖެނުއަރީ 2025 - 10:36
ސްޕެނިޝް ކޮޕަޑެލްރޭގެ ކުއާޓަރ ފައިނަލަށް ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ. އެގޮތުން ރޭގައި ރައުންޑް އޮފް 16 ގައި ބާސެލޯނާވަނީ 5-1 އިން ރެއާލް ބެޓިސް އަތުން މޮޅުވެފައެވެ. އަދި އެތްލެޓިކޯ މެޑްރިޑް ވަނީ އެލްޗޭ އަތުން 4-0 އިން މޮޅުވެފައެވެ.
ރޭގެ ބާސެލޯނާ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ގަވީއެވެ. އަދި ދެވަނަ ގޯލު ޑިފެންޑަރ ޖޫލްސް ކުންޑޭ ކާމިޔާބުކޮށްދިންއިރު، 3 ވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަފީނިޔާއެވެ. 4 ގޯލު ފެރާން ކާމިޔާބުކޮށްދިންއިރު، ބާސެލޯނާގެ އެންމެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ޔަމާލްއެވެ. މިމެޗުގެ ރެއާލް ބެޓިސްގެ ހަމައެކަނި ގޯލަކީ ބާސެލޯނާގެ ލޯނު ކުޅުންތެރިޔާ ވިކްޓޯ ޜޯކް 84 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއެކެވެ.
އެތްލެޓިކޯ މެޑްރިޑް ރޭގައި އެލްޗޭއަތުން މޮޅުވެފައިވާއިރު، މިމެޗުގައި އެޓީމުގެ ފޯޥާޑް ސޯރލޮތް ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ރިކުއެލްމޭ 61 ވަނަ މިނެޓުގައި ގޯލެއް ޖަހާފައިވާއިރު، ހޫލިއަން އަލްވަރޭޒް ވެސް ވަނީ ގޯލުޖަހާފައެވެ. މިމެޗުގެ 50 ވަނަ މިނެޓުގައި އެލްޗޭގެ ފެނާންޑޭޒް އަށް ވަނީ ރަތްކާޑުދައްކައި ދަނޑުން ފޮނުވާލާފައެވެ.
ރޭގެ މޮޅާއެކު އެތްލެޓިކޯ މެޑްރިޑްވަނީ އެޓީމު އެންމެފަހުން ކުލުނު 15 މެޗުން ވެސް މޮޅުވެފައެވެ.
މިމުބާރާތުގެ ރައުންޑް އޮފް 16 ގައި މިރޭ ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ވާދަކުރާނެއެވެ.