މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯ
17 ޖެނުއަރީ 2025 - 05:06
މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު 18:00 ގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓްއިން ވަނީ ލަފާކޮށްފައެވެ. އަދި އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް މެޓްއިން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެނަވާކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ވަޔާއެކު، ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓްއިން ބުނެއެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގަނޑުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓުގެ ދެމެދުގައި ހުންނާނެކަމަށް މެޓްއިން ލަފާކުރެއެވެ.
މެޓްއިން އިލްތިމާސްކޮށްފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވާތީ އެކަމަށް ސަމާލުވުމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމަކަށްވެފައި މޫސުމަށް ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.