ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ އާއި ނޭކުރެންދޫ ހދ އަތޮޅު ސެމީ އަށް
ނައިވާދޫ އާއި ނެއްލައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވ
18 ޖެނުއަރީ 2025 - 06:28
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގެ ސެމީ ފައިނަލަށް ނޭކުރެންދޫ އާއި ނައިވާދޫން ދަނޑުވަޅު ހޯދައިފިއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއެކު މި ދެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.
ނައިވާދޫން އިއްޔެ ކުޅުނު ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި ނެއްލައިދޫ އަތުން 6-1 އިން ވަނީ މޮޅުވެފައެވެ. މި މެޗުގައި ނައިވާދޫގެ ކެޕްޓަން އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމީން މުހައްމަދު (ޔާންޓެ) ދެ ގޯލުޖަހާފައިވާއިރު، އަދި މުހައްމަދު ޝާއިން އާއި ޔާނިއު މުހައްމަދު ފާއިޒް ވެސް ވަނީ ގޯލެއް ޖަހާފައެވެ.
ހދ. އަތޮޅު ގްރޫޕް A ގައި ނޭކުރެންދޫ ވަނީ ނޮޅިވަރަންފަރުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. މި މެޗުގައި ނޭކުރެންދޫގެ ފަރާތުން މުހައްމަދު ރާއިފް ފަޒީލް، މުހައްމަދު އަބާން އިމްރާން އަދި މުހައްމަދު ވިލްފް ވަނީ ގޯލު ޖަހާފައެވެ. އަދި ނޮޅިވަރަންފަރުގެ ދެ ކުޅުންތެރިންގެ އަތުން ބައިކޮޅަށްވެސް ގޯލުވަދެފައި ވެއެވެ.
ނޭކުރެންދޫ އާއި ނޮޅިވަރަންފަރު މެޗުގެތެރެއިން. ފޮޓޯ؛ އިމޭޖެސް.އެމް.ވ
ގްރޫޕް B ގައި ޕޮއިންޓް ޓޭބަލްގައި ނައިވާދޫ އޮތީ ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހޯދައިގެން އެއްވަނައިގައެވެ. އަދި ގްރޫޕް A ގައި ނޭކުރެންދޫވެސް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.