logoEN
ކުޅިވަރު

ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް

ގަމުން ވަނީ ޝީލްޑް ޖެހިޖެހިގެން 2 ވަނަ ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގަމުން ވަނީ ޝީލްޑް ޖެހިޖެހިގެން 2 ވަނަ ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ޖެނުއަރީ 2025 - 03:14

ގޯލްޑަން ފުޓްސަލް މުބާރާތުގެ ޝީލްޑް މެޗުގައި މިދިޔަ އަހަރުގެ ޗެންޕިއަން ޓީމުގެ އޭދަފުށި ބަލިކޮށް، ލ. ގަމުން ޝީލްޑް ޖެހިޖެހިގެން 2 ވަނަ ފަހަރަށް ހޯދައިފިއެވެ.

ރޭގެ މެޗުން ގަން މޮޅުވީ 1-0 އިންނެވެ. ފޯރިގަދަ ހަމަހަމަ ކުޅުމެއް ފެނުނު މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ. މެޗުގެ ހަމައެކަނި ގޯލު ގަމުން ޖެހީ ދެވަނަ ހާފުގައެވެ. އަހުމަދު ޚަލީމް ޖެހި ހިލޭޖެމަކުން ލިބުނު ބޯޅައަކުން މި ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2 ޓީމުންވެސް މުހިންމު ކުޅުންތެރިންތަކެއް މިމެޗުގައި ނުކުޅެއެވެ. އެގޮތުން އޭދަފުށީގެ ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން (ބިޑި) އާއި އަލީ ފާސިރު (ސެންޓޭ) އަށް އެކުޅުންތެރިން ކުޅޭ ކުލަބު ކަމަށްވާ މާޒިޔާއިން ރިލީސް ނުލިބުމުން މިމެޗުގައި ކުޅެފައެއް ނުވެއެވެ. އަދި އަނިޔާގެ ސަބަބުން ގަމުން 2 ކުޅުންތެރިންކަމަށްވާ އަލީ ޝާމިސް (ތޮއްޕެ) އާއި ހުޝައިން ޝަރީފު (އޮންލީ) މިމެޗުގައި ކުޅެފައެއް ނުވެއެވެ.

ގޯލްޑަން ފުޓްސަލްގެ މުބާރާތް ހުޅުވުމުގެ ގޮތުން ޝީލްޑް މެޗު ކުޅެވުނު މިއީ 3 ވަނަ ފަހަރެވެ. އެގޮތުން އެންމެ ފަހު ދެ އަހަރުގެ ޝީލްޑް ގަމުން ކާމިޔާބުކޮށްފައިވާއިރު، އޭގެ ކުރީ އަހަރުގައި ޝީލްޑް ކާމިޔާބުކުރީ ގާފަރުންނެވެ. ފޯރިގަދަ ރަސްމިއްޔާތު ތަކާއެކު ފެށުނު މި މުބާރާތުގައި މިފަހަރު 129 ޓީމު ވާދަކުރާއިރު، 300 އަށްވުރެ ގިނަ މެޗު މިފަހަރުގެ މުބާރާތުން ފެނިގެންދާނެއެވެ.

ރޭގެ މެޗުން ލިބުނު ފައިސާގެ އިނާމް ގަމުގެ ފަރާތުން ޣާޒާގެ ރައްޔިތުންނަށް ވަނީ ހަދިޔާކޮށްފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder