އެންމެފަހުގެ ޗެންޕިއަން ކާށިދޫ ބަލިކޮށް ޗެރިޓީ ޝީލްޑް އޭދަފުއްޓަށް
4 ޖެނުއަރީ 2026 - 04:12

ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ކާށިދޫ ބަލިކޮށް 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށިން ޝީލްޑް އުފުލާލައިފިއެވެ. މި ކާމިޔާބީއާއެކު އޭދަފުށިން ވަނީ މި މުބާރާތުގައި ކާށިދޫއާ ދެކޮޅަށް ކުޅުނު ފަހު ތިން މެޗުންވެސް މޮޅުވެ، އެޓީމުގެ މައްޗަށް އޮތް ބާރުގަދަކަން ސާބިތުކޮށްދީފައެވެ.
ރޭ ކުޅެވުނު ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. އޭދަފުށީގެ މި މޮޅުގައި އެޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޝާން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ކާށިދޫއިން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ޝާން ވަނީ ދިފާއުކޮށްފައެވެ.

Ad by Hajj Corporation
މި ދެޓީމަކީ ފަހަކަށް އައިސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެންމެ ވާދަވެރި ދެޓީމެވެ. މިރޭގެ މެޗުގެ އިތުރުން، މިދިޔަ އަހަރުގެ ޒޯން ބުރުގައި ކުޅުނު މެޗާއި ޒޯން ފައިނަލް މެޗުގައިވެސް ކާށިދޫގެ މައްޗަށް ކުރި ހޯދާފައިވަނީ އޭދަފުށިންނެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތަކީ މި ސިލްސިލާގެ 10 ވަނަ މުބާރާތެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދަނީ އެހެން އަހަރުތަކާ ހިލާފަށް ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މިއަހަރުގެ މެޗުތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (VAR) ގެ އެހީތެރިކަންވެސް ބޭނުންކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.


