އިސްރާއީލުގެ ކެބިނެޓުން ޣައްޒާގެ ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވެއްޖެ


18 ޖެނުއަރީ 2025 - 09:41
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދަ ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް ޒަޔަނިސްޓު އިސްރާއީލުގެ ކެބިނެޓުން ފާސަްކޮށްފިއެވެ.
މިކަން އިޢުލާނު ކޮށްފައިވަނީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންނެވެ. މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފަށަން ނިންމާފައިވަނީ މާދަމާގެ ހެނދުނު 11:30 އިން ފެށިގެންނެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ޙަމާސާއި ޔަހޫދީންނާ ދެމެދު މެދުވެރިންގެ ދައުރު އަދާ ކޮށްފައި ވަނީ ޤަޠަރާއި މިޞްރުންނެވެ.
އެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުންގެ ދައުރު ވެސް އޮތެވެ. އެއްބަސްވުމަކަށް އާދެވިފައި މި ވަނީ، ޖަނަވަރީ 20ވަނަ ދުވަހު ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަތުމަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ.
މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރެއްވި ބްރެޓް މެކްގަރކް ވިދާޅުވީ، އެއްބަސްވުމުގައިވާ ގޮތަށް ދެ ފަރާތުން ވެސް އަމަލު ކުރަމުންދާނެ ކަމުގައެވެ. މި ގޮތުން، އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ މަދު ގަޑިއިރުތަކެއްގެ ތެރޭޭގައި، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހުން ރެޑް ކްރޮސާ ޙަވާލުކޮށް މިނިވަން ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އެއީ، ތިން އަންހެނުންނެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލާނީ ހަ ހަފުތާގެ މުއްދަތަކަށެވެ. އެއީ، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއެވެ. މި މަރުޙަލާގައި ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 33 މީހުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނޭނީ އަންހެނުންނާއި، ކުޑަކުދިންނާއި، 50 އަހަރުން މަތީގެ ފިރިހެނުންނެވެ. އަދި، ޒަޚަމުވެފައިވާ މީހުންނާއި ބަލިމީހުންނެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ އަދަދު 98އަށް އަރާ ކަމުގައި ޔަހޫދީން ޤަބޫލު ކުރެއެވެ.
މި ޢުދުވާންތައް މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް އިސްރާއީލުގެ ކެބިނެޓުން ރުހުން ދިނުމަށް ނިންމާފައި ވަނީ ހަ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަކަށް ފަހުއެވެ. އެ ކެބިނެޓުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީ ޖަމާޢަތްތައް ތަމްސީލު ކުރާ ނިރުބަވެރި މިނިސްޓަރުން ދިޔައީ އެއްބަސްވުމަށް ރުހުން ދިނުމަށް ދެކޮޅު ހަދާފައެވެ. މި ކަމާ ގުޅިގެން، އެއްބަސްވުން ތަންފީޒު ކުރެވުމާ މެދު ސުވާލު އުފެދުނެވެ.
ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަން ޖަނަވަރީ 15ވަނަ ދުވަހު އިޢުލާނު ކުރުމަށް ފަހު، އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުން ދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް އިތުރުކޮށް، ވަރުގަދަ ކޮށްފައެވެ. ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރެފިއުޖީ ކޭމްޕުތަކާއި، ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ ވަގުތީ ހިޔާތަކަށެވެ.އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 119އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ މައުސޫމު ކުޑަކުދިންނާއި ކުށެއް ނެތް އަންހެނުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަހަރުގައި ދެކުނުގައި އޮތް ޚާން ޔޫނިސްގެ ހުޅަނގުން އޮތް އަލް-މުވާސީ ސަރަޙައްދަށެވެ. އެ ސަރަޙައްދުގައި ހުރި ފޭލިގެތަކަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާތަކުގައި ފަސް މީހުން ޝަހީދު ކޮށްލިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 46,876އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 110,642 މީހުން ޒަޚަމު ކޮށްލާފައެވެ.
އިތުރު ލިޔުންތައް

ފަލަސްތީނުގެ ވޯލްޑް ކަޕް ޑްރީމް: ހަނގުރާމައިގެ ތެރޭގައި އުއްމީދުގެ އަލިކަމެއް
7 މަސް ކުރިން
އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ މަސައްކަތް މަޖިލީހުގެ އަންނަ ދައުރުގައި ފަށާނެ : ހީނާ
7 މަސް ކުރިން
އިސްރާއީލުން ފަލަސްތީނުގެ އިތުރު 24 މީހުން ޝަހީދުކޮށްލައިފި
7 މަސް ކުރިން