ބާސެލޯނާ އާއި އެތްލެޓިކޯ އިން ރެއާލް މެޑްރިޑަށް ތަބަކަށްލާފައި ލީގު ހަދިޔާ ކުރަނީ
ކުންޑޭ ގޯލި ޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ބާސެލޯނާ
19 ޖެނުއަރީ 2025 - 03:59
ސްޕެނިޝް ލަލީގާ ގައި ރޭގައި ފަހަކަށް އައިސް ބާސެލޯނާ ދައްކަމުން އަންނަ ދަށް ކުޅުން ތަކުރާރުވިއިރު، އެތްލެޓިކޯ މެޑްރިޑުންވެސް ބަލިވެ، ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ލިބިއްޖެއެވެ.
އެގޮތުން ބާސެލޯނާ ވަނީ ތާވަލުގެ ރެލިގޭޝަން ޒޯނުގައި އޮތް ގެޓާފޭ އާއި ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފައެވެ. މިމެޗުގައި ގޯލުޖަހައި ފުރަތަމަ ލީޑު ނެގީ ބާސާއިންނެވެ. މިގޯލު ބާސާއަށް ކާމިޔާބުކޮށްދިނީ މެޗުގެ 9 ވަނަ މިނެޓުގައި ޑިފެންޑަރ ކުންޑޭ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގެޓާފޭގެ އެރަމްބާރީ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ބާސެލޯނާ ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗުން އެންމެ މެޗަކުން މޮޅުވެފައިވާއިރު، 4 މެޗުން ވަނީ ބަލިވެފައެވެ.
ތާވަލުގެ އެއްވަނައިގައިވާ އެތްލެޓިކޯ ވެސް ވަނީ އެންމެ ފަހުން ކުޅުނު 15 މެޗުން މޮޅުވުމަށްފަހު، ރެލިގޭޝަން ޒޯނުގައި އޮތް ލެގަނޭސް އަތުން 1-0 އިން ބަލިވެފައެވެ. މިމެޗުގެ ލެގަނޭސްގެ ހަމައެކަނި ގޯލުޖެހީ ފުރަތަމަ ހާފުގެ ފަހުވަގުތުގައެވެ. އަދި އެތްލެޓިކޯ މެޑްރިޑުގެ ގްރީޒްމަން ވަނީ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ބޭރަށް ޖަހާފައެވެ.
ލަލީގާގެ ތާވަލުގެ އެއްވަނައިގައި 44 ޕޮއިންޓާއެކު އެތްލެޓިކޯ އޮތްއިރު، ދެވަނައިގައިވާ ރެއާލް މެޑްރިޑު އޮތީ އެއްމެޗު މަދުން ކުޅެ 43 ޕޮއިންޓާއެކުގައެވެ. އަދި ބާސެލޯނާ އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ 3 ވަނައިގައެވެ. އެހެންކަމުން ރެއާލް މިރޭގައި ލަސްޕަލްމާސް މެޗުން މޮޅުވެއްޖެނަމަ، ތާވަލުގެ އެއްވަނައަށް އަރާނެއެވެ.