ގޯލްޑަން ފުޓްސަލް ޗެލެންޖު: ތ އަތޮޅުގެ ސެމީގެ ޖާގައެއް ތިމަރަފުއްޓާއި ހިރިލަންދޫ ހޯދައިފި
ތިމަރަފުއްޓާއި ވިލުފުށި ބައްދަލުކުރި މެޗުގެތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ
19 ޖެނުއަރީ 2025 - 07:23
ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމުކަމަށްވާ ތ ތިމަރަފުށިން މިމުބާރާތުގައި ކުޅުނު 3 މެޗުންވެސް މޮޅުވެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިމުބާރާތުގައި އިއްޔެ ތިމަރަފުށި ވަނީ ވިލުފުށިއަތުން 6-0 އިން މޮޅުވެ ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. ތ އަތޮޅު ގްރޫޕް އޭގައި ހިމެނޭޓީމުތަކުގެ ތެރެއިން ދެވަނަގައި އެއްމެޗު އިތުރަށް ކުޅެ 6 ޕޮއިންޓާއެކު ވިލުފުށި އޮތްއިރު، 3 އަދި 4 ވަނައިގައި އޮތް އޮމަދޫ އާއި ކިނބިދޫ އަށްވެސް އެޓީމުތައް ކުޅޭ މެޗުތަކުން މޮޅުވެގެން ސެމީގެ ގެ ފުރުސަތު އެބައޮތެވެ. އެގޮތުން އޮމަދޫ ގްރޫޕްގެ ފަހުމެޗުގައި ޗެންޕިއަން ތިމަރަފުއްޓާއި ވާދަކުރާއިރު، ކިނބިދޫ ކުޅޭނީ ތާވަލުގެ ފުލުގައި އޮތް ދިޔަމިގިއްޔާދެކޮޅަށެވެ.
ތ ގެ ގްރޫޕް ބީގައި ހިރިލަންދޫ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އެއްވަނައިގައި ސެމީއަށް ދަތުރުކޮށްފައެވެ. މި ގްރޫޕް ގެ 2 ވަނައިގައި ބުރުނި 6 ޕޮއިންޓާއެކު އޮތްއިރު، 3 އަދި 4 އެއްގައި އޮތް ވޭމަންޑޫ އާއި ގާދިއްފުއްޓަށްވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. މިގްރޫޕްގައި ކުރިޔަށް އޮތް މެޗުގައި ވޭމަންޑޫ ކަނޑޫދޫ އާއި ވާދަކުރާއިރު، ބުރުނި ވާދަކުރާނީ ގާދިއްފުއްޓާ ދެކޮޅާށެވެ.