ޕްރީމިއަރ ލީގު: ޓޮޓްނަމް ރެލިގޭޝަނާއި ގާތަށް، ސިޓީ އަލުން ފޯމަށް

ސިޓީގެ 2 ގޯލު ކާމިޔާބުކޮށްދިން ފޯޑެން އުފާ ފާޅުކުރަނީ. ފޮޓޯ: މެންޗެސްޓަރ ސިޓީ

20 ޖެނުއަރީ 2025 - 11:05
އިނގިރޭސި ޕްރީމިއަރ ލީގުގައި ޓޮޓްނަމް އަނެއްކާވެސް ބަލިވެއްޖެއެވެ. ރޭގައި ރެލިގޭޝަނުގައި އޮތް އެވަރޓަން އަތުން ޓޮޓްނަމް ބަލިވީ 3-2 އިންނެވެ. ޓޮޓްނަމް އެންމެ ފަހުން ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން ބަލިވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި އެވަޓަން އިން 3 ގޯލު ކާމިޔާބުކުރިއިރު، ދެވަނަ ހާފުފެށިގެން ޓޮޓްނަމް އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލުޖަހަން ގިނަ ހަމަލާތަކެއް އެވަރޓަން ގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން އެވަރޓަން ގެ ގޯލު ފޫއަޅުވާލެވުނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އަދި މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގައި ރިޗާލިސަން ވަނީ ގޯލެއްޖަހައި ފަރަގު ކުޑަކޮށްފައެވެ.
މިނަތީޖާތަކާއެކު ޓޮޓްނަމް ވަނީ ލީގު ތާވަލުގެ 15 ވަނައަށް ވެއްޓި ރެލިގޭޝަން ޒޯނާއި ގާތަށް ޖެހިފައެވެ. ރެލިގޭޝަން ޒޯނާއި ޓޮޓްނަމް އާއި ދެމެދު އޮތީ އެންމެ 2 ޓީމެވެ.
ރޭގައި ކުޅުނު އެހެން މެޗަކަށް ބަލާއިރު، ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ހޯދަމުންދިޔަ މެންޗެސްޓަރ ސިޓީ ވަނީ އިޕްސްވިޗް އާއި ދެކޮޅަށް 6 ގޯލު ޖަހައި އަލުން ފޯމަކަށް އައިސްފައެވެ. އެގޮތުން ސިޓީވަނީ އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެފައެވެ. ރޭގެ މެޗުގައި ސިޓީގެ ކޮވެސިޗް އާއި ޑޯކޫ އާއި ހާލަންޑާއި މެކަޓީ ވަނީ ގޯލް ޖަހާފައެވެ. އަދި މީގެ އިތުރުން ފޯޑެން ވަނީ 2 ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗު ނިމުނީ 6-0 އިންނެވެ.
ރޭގެ މޮޅާއެކު މެންސިޓީ ވަނީ ތާވަލުގެ 4 ވަނައަށް އަރާފައެވެ.