އޭސީސީއަށް ނާޝިދުއާއި ނާޝިފް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

20 ޖެނުއަރީ 2025 - 11:58
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އަލަށް އައްޔަކުރަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ދެ ބޭފުޅުންގެ ނަންތައް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެމްބަރުންގެ ވޯޓާއެކީ އޭސީސީއަށް އަޙްމަދު ނާޝިދުއާއި އަބްދުﷲ ނާޝިފް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މި ދެ ބޭފުޅުން އައްޔަން ކުރުމާމެދު ރައްޔިތުންގެ ޝަކުވާ ހުށަޙެޅުމަށް މިއަދު ހެނދުނު 11:00 އިން 11:30 އަށް ދޮޅު ގަޑިއިރުގެ ވަގުތު ވަނީ ހުޅުވާފައެވެ. ނަމަވެސް އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށް މިނިވަން މުވައްސަސާތަކުގެ މުޤައްރިރު، މާފުށީ ދާިރާގެ މެމްބަރު ހުސެން ރިޒާ އާދަމް ވިދާޅުވިއެވެ.
އޭސީސީން ދެ މެމްބަރުން ހުސްވީ، ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. މި ދެ މެންބަރުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވުމުން މަޖިލީހުގެ ކޮމިޓީން ވަކިކުރަން ފާސްކޮށްފައިވަނިކޮށެވެ.