logoEN
ޚަބަރު

އުނގޫފާރުގައި 500 ހައުސިން ޔުނިޓާއެކު، ފުރިހަމަ އާބަން ސެންޓަރެއްގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސް އުނގޫފާރަށް ވަޑައިގެންނެވުމުގެ ތެރެއިން، އެ ރަށުގެ ކައުންސިލު މެންބަރަކާ ސަލާމް ކުރައްވަނީ -- ފޮޓޯ : ރައީސް އޮފީސް

ރައީސް އުނގޫފާރަށް ވަޑައިގެންނެވުމުގެ ތެރެއިން، އެ ރަށުގެ ކައުންސިލު މެންބަރަކާ ސަލާމް ކުރައްވަނީ -- ފޮޓޯ : ރައީސް އޮފީސް

ރ. އުނގޫފާރުގައި 500 ހައުސިން ޔުނިޓު ގާއިމްކޮށް، ފުރިހަމަ އާބަން ސެންޓަރެއްގެ ގޮތުގައި އެ ރަށް ތަރައްގީކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ރޭ ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އެރަށަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފުރިހަމަކުރައްވައި ނިންމަވައިދެއްވާނެ ކަމަށެވެ. އަދި އެ މަޝްރޫއާއެކު، އުނގޫފާރުގައި 500 ހައުސިން ޔުނިޓު އިމާރަތްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މި ރަށަކީ އާބަން ސެންޓަރެއްގެ ގޮތުގައި އަޅުގަނޑު ކަނޑައަޅާފައި އޮތް ރަށަކަށް ވާއިރު އެންމެ މުހިންމު އެއް ކަމަކަށް ވާނީ ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް ނޫނީ އެކަމަށް އެކަށީގެންވާ މަސައަކަތްތަކެއް ސަރުކާރުން ކޮށްގެން މި އަހަރުގެ ބަޖެޓުގެ ތެރޭގައި ކުރާކަށް މިރަށުގައި މަޝްރޫއެއް ހިންގަން އަޅުގަނޑު އިއުލާންކޮށްފައެއް ނުއެއް އޮންނާނެ. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓަކީ އާ މަޝްރޫތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހައުސިންގެ ދާއިރާއިން ގެދޮރު ބިނާ ކުރުމުގެ ދާއިރާއިން ހިންގަން އަޅުގަނޑުމެން ކަނޑައެޅި ބަޖެޓެއް. އެހެންވެ އިރާދަކުރެއްވިއްޔާ މިއަހަރާ މިއަންނަ އަހަރާ ދެ އަހަރު ދުވަހުގެ ތެރެއިން މިރަށުގައި ގެދޮރު ބިނާކޮށް މަޝްރޫއެއް ފަށާނަން. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި ރަށުގައި 500 ހައުސިން ޔުނިޓް މަޝްރޫއެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން، އާބަން ސެންޓަރެއްގެ ގޮތުގައި އެރަށް ތަރައްގީކުރެއްވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފްސީލު ވެސް ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، މެދު އަދި ދުރު ރާސްތާ ވިސްނުންފުޅުގެ ތަރައްޤީގެ މާސްޓާ ޕްލޭންގެ މަސައްކަތްތައް ކުރެވޭއިރު، ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް އެ ރަށް ވާނޭ ކަމުގައެވެ.

އެގޮތުން ވަކިން ޚާއްސަކޮށް، އެރަށުގެ ތައުލީމީ ދާއިރާ އާއި، ސިއްޚީ ދާއިރާއަކީ އެންމެ މަތީ ފެންވަރުގައި ޚިދުމަތްދޭ ދާއިރާތަކަށް ހެއްދެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

މީގެ އިތުރުން، ޤައުމީ ފެންވަރުގައި ހުރި ބޮޑެތި ބައެއް މައްސަލަތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި، އަމަލީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

އުނގޫފާރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެއްވުމުގެ ވާހަކަ ރައީސް ވިދާޅުވެފައިވާއިރު، އެރަށަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ހަތް އާބަން ސެންޓަރުތަކުގެ ތެރެއިން އެއް ސެންޓަރެވެ.

ކޮމެންޓް

871x217_placeholder