ނަތަންޔާހޫ ހިނގަނީ އަރިއަލް ޝެރޯންގެ ފިޔަވަޅު މަތިން
ޔަހޫދީން ހައްޔަރުކޮށްފައިވާ ބައެއް ފަލަސްތީނުގެ ރަށްވެހިން // ފޮޓޯ: އަލްޖަޒީރާ
24 ޖެނުއަރީ 2025 - 05:11
ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ހިނގަމުންދަނީ ކުރީގެ ބޮޑުވަޒީރު އަރިއަލް ޝެރޯންގެ ފިޔަވަޅު މަތިންކަމަށް ޣައްޒާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން މިފަދައިން ބުނެފައިވާއިރު ފަލަސްތީނުގެ ބިމުގެ މައްޗަށް އަނިޔާވެރިކަމާއި ގަދަބާރުން ވެރިވެގަންނަން މަސައްކަތްކުރަމުން އަންނަ އިސްރާއީލުން ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް ދުނިޔޭގެ ސަމާލުކަން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރި ޢަމަލުތަކާއި އިސްރާއީލީ ސިފައިންގެ ރަހުމު ކުޑަ ހަމަލާތައް ވަނީ އިތުރުވެފައެވެ.
އިސްރާއީލީ ހަނގުރާމަވެރިންގެ ޢަމަލުތައް އިތުރަށް ވަރުގަދަކުރަމުންދާ މި ދަނޑިވަޅުގައި ހުޅަނގު އައްސޭރީގައި އިތުރު ދެ ފަލަސްތީނު ރައްޔިތަކު ވަނީ ޝަހީދުކޮށްލާފައެވެ.
މީގެ ކުރިން ދީފައިވާ ހަމަލާތަކުގައިވެސް 10 މީހަކު ޝަހީދުކޮށްލާފައިވާއިރު އިސްރާއީލުގެ އަސްކަރީ ބާރުން ބުނެފައިވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ހަމަލާތައް އިތުރަށް ފުޅާކުރާނެކަމަށެވެ.
ފާއިތުވި މުއްދަތުގައި އިސްރާއީލީ ހަނގުރާމަވެރިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ވަދެ، ބަލާ ފާސްކުރުމުގެ މަސައްކަތް ހިންގާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މި ގޮތުން ރެއިޑްކުރެވުނު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ ޤަލްޤީލިޔާ ޕްރޮވިންސްގެ އިރުމަތީގައި ވަކިން އޮންނަ އައްޒޫން ސަހަރު، ހެބްރޯން ޕްރޮވިންސްގެ އުތުރުގައިވާ ހަލްހޫލް ސަހަރު، ރާމަﷲ އަދި އަލް-ބީރާ ސަރަހައްދުގައި ހިމެނޭ އައިން ޔަބްރޫދް ސަރަޙައްދު، އައިން ސުލްޠާން ދަނާލު ރެފިއުޖީ ކޭމްޕް، އިރުމަތީ ގުދުސްގެ އުތުރުގައިވާ އަނާތާ އަދި ޠޫލްކަރަމް ގެ ސަރަހައްދުތަކެވެ.
މީގެ ތެރެއިން އިރުމަތީ ގުދުސްގެ އުތުރުގައިވާ އަނާތާ ސަހަރުން ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ހައްޔަރުކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިއަދުގެ ހެދުނުގެ ވަގުތެއްގައި 15 މީހަކު މުޅި އެ ސަރަހައްދުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާތަށް ހޫނުވަމުންދާއިރު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލުކުރާނެއެވެ. އެމެރިކާއަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޔަހޫދީން ފަށާފައިވާ މަސައްކަތުގައި އެމީހުންނަށް އެންމެ ބޮޑު ވާގިވެރިކަމެއް ފޯރުކޮށްދޭ ގައުމެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިން ހަމާލާތަކުގައި 47،283 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، އަދި 111،472 މީހުން ޒަހަމްވެފައިވެއެވެ.