ދެއިފް އާއި އީސާ ޝަހީދުވެފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފި
ދެއިފް// އަރަބި ބަހުން "ދެއިފް" މާނައަކީ "މެހެމާން". އޭނާއަށް މި ދީފައިވަނީ އިސްރާއީލުގެ އަތްދަށުން ސަލާމަތްވެ، ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ކާމިޔާބު ހަމަލާތަކާ ގުޅިގެން.
31 ޖެނުއަރީ 2025 - 05:56
ޙަމާސްގެ ހަތިޔާރުއެޅި ގޮފީގެ ވެރިޔާ މުޙައްމަދު ދެއިފް އަދި އޭނާގެ ނާއިބު މަރުވާން ޢީސާ ހަނގުރާމައިގައި ޝަހީދުވެފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފިއެވެ.
ދެއިފާއި އީސާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ދެކުނު އިސްރާއީލަށް ޙަމާސްއިން ދިން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި 2 މީހުންކަމަށް ތުހުމަތުކޮށް އެ ދެމީހުން ޝަހީދުކޮށްލާފައިވާކަމަށް ޔަހޫދީން ވަނި އޯގަސްޓްމަހު ބުނެފައެވެ.
އިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސްގެ ތަޤްރީރެއްގައި އެ ޖަމާޢަތުގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވެފައިވަނީ ދެއިފް އަދި އީސާގެ އިތުރުން އާންމު އަސްކަރީ ކައުންސިލުގެ އިތުރު ތިން އިސް މެންބަރުން ވެސް ޝަހީދުވެފައިވާކަމަށެވެ.
"ﷲގެ ނަންފުޅުން ސުވާލުކުރަން. ފަލަސްތީނުގެތާރީޚުގައި މުޙައްމަދު ދެއިފްގެ ނަންފުޅު 'ޝަހީދު' މި ލަޤަބާއި ޝަހާދަތުގެ މެޑެއްޔާ ނުލައި ލިޔެވޭނެތޯ؟ " އަބޫ އުބައިދާ
ޔަހޫދީން ފަލަސްތީނުގެ ބިން އަތުލުމަށް ކުރާ މަސައްކަތުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ހަމާސްއިން ދިން ހަމަލާ ވެފައިވާއިރު, މި ހަމަލާގައި 1،200 ޔަހޫދީން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުންގެ ގޮތުގައި ހިފެހެއްޓިފައިވެއެވެ. ދެއިފްގެ އަޑުން މީގެ ކުރިން އަޑުއިވިގެންދިޔަ އޯޑިއޯ ޓޭޕެއްގައި މި ހަމަލާއަށް ކިޔާފައިވަނީ "އަލް-އަޤްޞާ ފްލަޑް" އެވެ. މިއީ ގުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތްކަމަށްވާ އަލް-އަޤްޞާ މިސްކިތަށް އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދެވުނު ހަމަލާއެއްކަން ވަނީ ހާމަކުރައްވާފައެވެ. ހަމާސްއާ ހަވާލާ ދީ ބައެއް މަސްދަރުތަކުން ބުނާގޮތުގައި ދެއިފް މި ވަރުގަދަ ހަމަލާ ރާވަން ފެށީ 2021 ވަނަ އަހަރުގެ މޭ މަހުއެވެ. އެއީ އެ އަހަރުގެ ރަމަޟާންމަހު އަލް-އަޤްޞާ މިސްކިތަށް އިސްރާއީލުން އޭރު ދިން ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ މުސްލިމުން ރުޅިގަދަވެފައިވާ ދުވަސްވަރެކެވެ. އޮކްޓޯބަރުގެ ހަމަލާގައި އޭރު އުމުރުފުޅުން 58 އަހަރުގެ ދެއިފް ޙަމާސްގެ ޓީވީ ޗެނަލުން ތަގުރީރުކުރައްވާނެކަން އިއުލާނުކުރެއްވުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް މުހިންމު ކަމެއް ހިނގަން އުޅޭކަން އެނގިގެންދިޔަކަމަށް މަސްދަރުތަކުން ރިޕޯޓުކުރެއެވެ.
"އަލް-އަޤްޞާ މިސްކިތަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކާއި މުސްލިމުންނަށް ކުރާ ދުއްތުރާތަކުގެ ސަބަބުން އަހަރެމެންގެ ގައުމުގެ މީހުންގެ ރުޅި އިން ފަހަނައަޅައި ގޮސްފި. ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނޭވެ. މިއަދަކީ ޔަހޫދީންނަށް އެމީހުންގެ ދައުރު, މި ލޮބުވެތި ފަސްގަނޑުގައި ނިމިފައިވާކަން އަންގައިދޭނެ ދުވަސް. އަދި މިއަދަކީ ފަލަސްތީނުގެ ބިމުގެ ހައްގުވެރިންނަކީ ކޮން ބައެއްކަން އަންގާދޭނެ ދުވަސް." އޮކްޓޯބަރު މަހުގެ ހަމަލާގެ ކުރިން ދެއިފް ދެއްވި ތަގުރީރު
އީސާއަކީވެސް ޔަހޫދީންނަށް ކުރިމަތިވި 'ބިރުވެރި ހުވަފެނެއް'ގެ ގޮތުގައި ބައިނަލްއަގްވާމީ މީޑިއާތަކުން ސިފަކުރާ ބޭފުޅެކެވެ. އީސާ ޝަހީދުކޮށްލުމަކީ އެމެރިކާވެސް ނުހަނު އެދިއެދި ހުރި ކަމެކެވެ. އިސްރާއީލާއި ހުޅަނގުގެ ޤައުމުތަކަށް ޙަމާސްއަކީ އިސްރާއީލު ފުހެލުމަށް މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތެކެވެ. ނަމަވެސް ފަލަސްތީނުގެ މުސްލިމުންނަށް ޙަމާސްގެ ލީޑަރުންނަކީ އަދި ހަމާސްގެ އެންމެ އާދައިގެ މުޖާހިދުންނަކީވެސް ޔަހޫދީންގެ އަޅުވެތިކަމުން މުސްލިމުންގެ މުގައްދަސް ބިން ސަލާމަތްކުރުމަށް މާތް ﷲގެ ވަޖުހުފުޅު އަދައިގެން ތިބި ލީޑަރުންނެވެ.
ޔަހޫދީންގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 47,460އަށް އުފުލިފައެވެ.