ހުޅުމާލެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށައިފި
26 ޖެނުއަރީ 2025 - 05:25
މިފަހުން ރާއްޖެއަށް ކުރިމަތިވި ވިއްސާރައާ ގުޅިގެން ހުޅުމާލޭ ސަހަރާގެ ބިމުއަޑިން ފެން ނުހިނދޭތީ މީހުން ވަޅުލުން މެދުކަނޑާލުމަށްފަހު އަލުން ސަހަރާގައި މީހުން ވަޅުލަން ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މެންދުރުޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަލުން ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލީ މާލެ ސަރަހައްދަށް ކުރި ވިއްސާރައާ ގުޅިގެން ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާތީއެވެ.
އެހެންކަމުން އޭރުންސުރެ ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު މާލޭ އާސަހަރާ މިސްކިތުގައި ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން އޭރު ބުންޏެވެ.
ހުޅުމާލޭ ސަހަރާގައި ފެން ބޮޑުވެ މީހުން ވަޅުލުމަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމަށް މިހާރުވެސް މަސައްކަތްކުރަމުން އަންނަކަން ފާހަގަކޮށް ކައުންސިލުން ބުނީ ޖެނުއަރީ މަހުގެ ތެރޭގައިވެސް މި މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.