logoEN
ރިޕޯޓް

''ފުދިއްޖެ، ފުނޑިއްޖެ''، ސިޔާސީ ދޮގެއް، އޮޅުވާލުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

30 ޖެނުއަރީ 2025 - 15:21

ރަސްފަނުން ފިނި ރޯޅިއެއް ޖައްސާލުމުގެ ނިޔަތުގައި އެ ސަރަހައްދަށް ދިޔައީމެވެ. އިރު އޭގެ މަގާމަށް އޮއްސެމުން ދިޔައިރު، ސަރަހައްދު އޮތީ ބައިބޯކޮށެވެ. މިއަދަކީ ރަސްމީ ދުވަހެއްކަމަކު ސަރަހައްދުގެ މެޖޯރިޓީއަކީ އާދައިގެ މަތީން ބިދޭސީންނެވެ. އެތަނުގައި އެކި އުމުރުފުރާތަކުގެ މީހުން ހޭލަމޭލަވަމުން ދިޔައެވެ. ހުސް ޖާގައެއްގެ އުންމީދުގައި ހިނގަނިކޮށް ދޮށީ އުމުރުގެ ތިން މީހެއްގެ އަރިމަތިން ހުސް ޖޯއްޔެއް ފެނިއްޖެއެވެ. އިށީނދެލައި ފޯނު ހާވަން ފެށީމެވެ. އެ ހިސާބުން ޝައުގު ދަމައިގަތީ އެންމެ މަގަތުގައި އިން ބޭބެގެ ވާހަކައަށެވެ.

''މާދަމާމީ ފުދިގެން، ފުނޑިގެން ނުކުންނަ ދުވަހޯ، އެމްޑީޕީ އަޅެ މިހެން ކިޔަން ތާހިރު ބަޔެއްތަ؟ އެމީހުންނަށް ދެ ފަހަރު ވެރިކަން ލިބުނީމަ ވީގޮތާއި، ހެދިގޮތް އަދި ހަނދާނަކުން ފިލާނުދޭ، އެ އުޅެނީ މިތަން ހަލަބޮލިކޮށް ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން'' އެ ބޭބެ ވާހަކަ ދެއްކިއެވެ. ޖެހިގެން އިން ބޭބެ ނުރުހިފައި ބުނީ ''އެއަށްވުރެ ގުއިރީފައި ގުއި ތަފާލުގައި ދަނޑިން ތެޅިއްޔާ މާ ތާހިރު ނޫންތަ؟ ޤާނޫނުއަސާސީއޭ ދިފާއޭ ކިޔައިގެން އަނެއްކާ އަހަރެމެން ނިކަމެތިން ވާވައްދައި ދަލުގައި ޖައްސަން އެ އުޅެނީ'' މި ދެ ބޭބެގެ ވާހައަކަށް ތިންވަނަ ބޭބެ ބަހެއް ނުބެނެއެވެ. އެކަމަކު އެއްބަސްކަމަށް ބޯ ޖަހަމުން ދިޔައެވެ.

މި ވާހަކަ ލިޔަން މި ޖެހުނީ އެހެންވެއެވެ. ''ފުދިއްޖެ، ފުނޑިއްޖެ'' އާއި މެދު ފިކުރު ހިންގާލަން ޖެހުނީ ވެސް މިހެންވެއެވެ. ދޮށީ އުމުރުގެ މި ބޭބެމެން ދުނިޔޭން ލިބިތިބި ތަޖުރިބާއާއި، ފެނި އަތުން ހިފުނުކަންކަމުގެ އަލީގައި މިވަރުގެ ވާހަކައެއް ދައްކައިލީމާ އެކަމުގެ ފަހަތުގައި ސަބަބުތަކެއް އޮންނާނެކަން އަމިއްލައަށް ހިތާހިތާ ކިޔާލެވުނެވެ.

ތެދެކެވެ. ޤާނޫނުއަސާސީގެ ދިފާޢުގައި ސިޔާސީ މީހުން ނުކުމެ އެ ހަޅޭކެއް ދޭތެރެ ދޭތެރެއިން އެބަލަވައެވެ. ކޮންމެވެސް ނިޒާމެއް، ހައްގެއް ކަށަވަރުކުރާވާހަކަ އެބަ ކިޔައެވެ. އެކަމަކު އެ ވެރިންނަށް ވެރިކަން ލިބުނީމާ ކަންކުރަނީ ކިހެނެއްތޯ މިއީ ޖަވާބު ލިބިފައި އޮތް ސުވާލެކެވެ.

މިހާރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީއިން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ފުޅާ ކެމްޕޭނެއް ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. ''ފުދިއްޖެ، ފުނޑިއްޖެ'' ޝިއާރުގެ ދަށުން މީހުން އެއްވާން އެބަ ދައުވަތު ފޮނުވައެވެ. މުޅި ގްރޭޓާ މާލެ ސަރަހައްދުގައި އެ ދައުވަތާއެކު އެބަ ދުއްވައެވެ. މި ދައުވަތުގައި ހިފާން ހިތްމައްޗަށް އަންނަމަ، ނުވަތަ އެ ދައުވަތާމެދު ފިކުރު ހިންގާލާނަމަ، މިބައި މީހުން ''ފުދުމާއި، ފުނޑުން'' ބިނާކުރި މައިގަނޑު އަސާސްއަށް ފިކުރު ހިންގައި، މިބައި މީހުންގެ ބާރުގައި ކަންކުރި ގޮތާމެދު ވިސްނާލުން މުހިންމެވެ.

އެޖެންޑާ 19 އަކީ ދެއްކި ބިލާހެއް

މަޖިލިސް ހިންގަން ފެހި ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް ގާނޫނުއަސާސީ ބަދަލުކުރެވޭ ވަރުގެ ބޮޑު ބާރެއް ރައްޔިތުން ދިނީ ނިމުނު 19 ވަނަ މަޖިލީހުގައި އެމްޑީޕީއަށެވެ. 80 މެންބަރުންގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ނެގި އެވެ.

އެ ބާރު ބޭނުން ކޮށްގެން އެޖެންޑާ 19 ގެ ނަމުގައި ވިއްކި ބޮޑެތި އަދި ގިނަ ކަންކަން އޮތީ ދައުރު ނިމުނު އިރުވެސް ކަރުދާހުގަ އެވެ. އެޖެންޑާ 19 ގެ ދަށުން ވީ އެންމެ ބޮޑު އެއް ވައުދު ޝަރުއީ ނިޒާމް މިނިވަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ވެސް ދައުރު ނިމުނުއިރު އޮތީ އޮތްތާގައެވެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އިރު ވެސް އެ މަސައްކަތެއް ނުކުރެ އެވެ. ޖޭއެސްސީގެ ބިލެއް ހުށަހަޅަން ނިންމީ ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްވަރަކަށް ވެފައި ވަނިކޮށް އަދި ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުންނޫންކަމެއް ނުކުރިއެވެ.

އޭގެ އިތުރުން 18 ވަނަ މަޖިލީހުން މާލޭގެ މަގުމަތީ އެއްވެ އުޅުން މަނާ ކޮށްފައި އޮތް އޮތުން ބަދަލު ކުރުމަކީ ވެސް އެޖެންޑާ 19 ގެ އެންމެ ބޮޑު އެއް ވައުދެވެ. އެ މަސައްކަތް މަޖިލީހުގެ ވަރަށް ކުރީކޮޅު އަމިއްލަ މެންބަރަކު ހުށަހެޅުއްވި އެވެ. ނަމަވެސް ފަސް އަހަރު ވަންދެން އެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައި ޕާކް ކޮށްފަ އެވެ.

އެ އެޖެންޑާގައި ހުރީ މިފަދަ ނުފުދުނު އެތައް ވައުދެކެވެ. އާރާއި ބާރާއި އޮވެ، އެ ބާރު ބޭނުންކުރީ ރައްޔިތުން އަތުން ވޯޓު ހޯދާށެވެ. ދެއްކީ ދަޅަކަމަށް ދަންނަވަން ޖެހެނީ ކަންނުވެ އޮތީމައެވެ.

އެންޓި ޑިފެކްޝަން ޤާނޫނު

''ފުދިއްޖެ، ފުނޑިއްޖެ'' ޝިއާރުގެ ދަށުން މަގުމައްޗަށް ނުކުތުމަށް ގޮވަމުންދިޔުމުގައި ދައްކާ އެއް ހުއްޖަތަކީ ޤާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑިގެއްލޭގޮތަށް ހިމަނުމާއި ދެކޮޅަށް ދައްކާ ވާހަކަތަކެވެ. އެކަމަކު ތިމާމެން އަތުގައި ބާރު އޮތްއިރު، އިސްވެ ބުނެވުނު ސުޕަރ މެޖޯރިޓީ އޮތްއިރު ވެސް ކަންކުރިގޮތުން މިވާހަކަ ''އަމިއްލަ އަނގަޔަށް'' އެބަވަދެއެވެ. ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ވައްދައި ފާސްވެސް ކުރިއެވެ. އެހެންކަމުން މިކަމުގައި ވެސް އޮތީ އޮޅުވާލުމެވެ.

''ފުދިއްޖެ، ފުނޑިއްޖެ''، ސިޔާސީ ދޮގު ޝިއާރެއް

އެމްޑީޕީން ހަދަނީ ސިޔާސީ ދޮގުކަން ދޭހަކޮށްދޭ އަނެއްކަމަކީ 18 ވަނަ މަޖިލީހުގައި އޭރުގެ އިދިކޮޅާއިގުޅި، ކުރާ މަސައްކަތުގައި ގޮނޑިގެއްލޭ މެމްބަރުން އަލުން އިންތިޚާބުކޮށްދޭނެކަމަށް ޖާނާމާލުން ގުރުބާންވާނެކަމަށްވީ ވައުދެވެ. ނަމަވެސް ވެރިކަން ލިބި ބާރު އަތަށް އެރުމުން އެ ވައުދާއި ޚިލާފްވެ، އެމްޑީޕީން ވައުދުގައި ކޮޅުފައިންޖެހިކަން އެއީ ހަގީގަތެވެ. މިއަދު އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ވަޢުދު ތަކުރާރުކޮށް، ހުވާ އެބަ ކުރެއެވެ. އެކަމަކު މާޒީ ދައްކަނީ އެއީ ސިޔާސީ ދޮގެއްކަމެވެ.

އެމްޑީޕީއަކީ ވައުދެއްވެއްޖެނަމަ އެއާއި ޚިލާފްވެފައިވާ ބައެއްކަން މާޒީން ފެންނަން އޮތަކީ، މީހުން މަގުމައްޗަށްނެރެ، ޤައުމު ހަލަބޮލިކުރުމުގައި އޮތީ ނުރައްކާތެރި މަގްސަދުތަކެއްކަމަށް ފެނެއެވެ. އެއީ ޤައުމު އިޤްތިޞާދީ ގޮތުން އިނދަޖައްސާލުމަށް ހަލަބޮލިކަން ގެނައުންކަމަށް ވެސް ވެދާނެއެވެ. އިޖުތިމާއީ އަދާލަތު ނަގާލައި ކުރުމަގަކުން ވެރިކަމަށް އައުމުގެ ހުވަފެނެއް ދެކެނީ ކަމަށް ވެސް ވެދާނެއެވެ. ތަރައްގީގެ މަޝްރޫޢުތައް ފެށުނަނުދީ ކެމްޕޭނަށް ވާހަކަ ހޯދުމުން ވެސް މީގައި ޝާމިލްވާކަމަށް ވެދާނެއެވެ.

ކޮންމެ އަކަސް މި ޝިއާރު އެމްޑީޕީގެ ރައީސް ވިދާޅުވާ ''ދޮގު ދޮލަނގުން'' އާންމު މީހާއަށް ވިއްކަމުންދާއިރު، ކުރަން މިއުޅޭކަމަ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމާއި، ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅުމާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލައި އަދި ގައުމުގައި ސިޔާސީ ހަމަނުޖެހުން އިތުރުކުރުންކަމާމެދު ޝައްކުކުރާނެ ޖާގަނެތްކަމަށް ރަސްފަނު ފިނިން އިވުނު ވާހަކަތަކުން މޭރުންވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder