logoEN
ޚަބަރު

ހުކުމަކާ ނުލާ ބަންދުކޮށްފައި ތިބީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް: ޕީޖީ

ހުސައިން ވަސީމްހުސައިން ވަސީމް

01 ފެބްރުއަރީ 2025 - 18:13

މިހާރު ހުކުމަކާ ނުލާ ބަންދުކޮށްފައި ތިބީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް ކަމަށާ ބަންދު ކުރުން ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ބޭއްވި "ބަންދު ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަރީފް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅިން ހުއްޓާލެވޭނެ ކަމެއް ނޫންކަމަށެވެ.އެހެން ނަމަވެސް މިމައްސަލައަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ޕީޖީ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިހާރުވެސް މާފުށީ ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް 10 ޕަސަންޓް މީހުން ބަންދުކޮށްފައިވާ ކަމަށެވެ.

އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނެތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލައަށް މިހާ ދުވަސް ވީއިރުވެސް ހައްލު ހޯދިފައި ނެތުމުން ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ދުރު ރާސްތާގެ ޕްލޭނަކީ ނިޒާމުގެ ތެރޭގައި ހުރި މިފަދަ ކަންކަން ހައްލުކުރުން ކަމަށެވެ. އޭރުން އަދުލުގެ ނިޒާމަށް ރައްޔިތުން ކުރަ އިތުބާރު އިތުރު ވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. މިކަންކަން ހައްލު ކުރުމަށް ގިނަ ކަންކަން ރާވާފައިވާ ކަމަށާ މިހާރުވެސް އެކަންކަން ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

ޝަރީއަތް ނިމެންދެން އެންމެ ގިނައިން ބަންދު ކޮށްފައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޖިންސީގޯނާގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައި ތިބި މީހުން ކަމަށް ކަރެކްޝަންސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.ޝަރީޢަތް ނިމެންދެން ބަންދުގައި 435 މީހުން އެބަތިއްބެވެ.

"ބަންދު ފޯރަމް" އަކީ ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ބޭއްވި ފޯރަމްއެކެވެ.

މި ފޯރަމް ބޭއްވި މަޤްޞަދަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖަޢާކޮށް މުޠާލިޢާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ އެ ކަންކަމަށް އޮތް ޙައްލު ހުރިހާ އިދާރާތަށް ގުޅިގެން ދެނެގަތުމެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder