އަމާޒަކީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 3 ލައްކައަށް އެރުވުން: އެމްއެމްޕީއާރްސީ


03 ފެބްރުއަރީ 2025 - 07:11
މި އަހަރު އިންޑިއާއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އަމާޒު ހިފައިފިއެވެ.
އެގޮތުން އެމްއެމްޕީއާރްސީންވަނީ މުންބާއީގެ ފޯ ސީޒަންސް ހޮޓެލްގައި "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި ޚާއްޞަ ހަފްލާއެއްވެސް ބާއްވައިފައެވެ.
މި ހަފްލާގައި އިންޑިއާގެ ނަން މަޝްހޫރު އިންފްލުއެންސަރުންނާއި، މީޑިއާގެ އިސް ފަރާތްތަކާއި، މަޝްހޫރު ސެލެބްރިޓީން ބައިވެރިވިއެވެ. މި ހަފްލާ ބޭއްވުނީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން ކަމުގައިވާ އޯޓީއެމް މުންބާއީއާ އެކުގައެވެ. މިއީ އިންޑިއާގެ މާކެޓާއެކު ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ. އިންޑިއާއަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ މައި މާކެޓްތަކުގެ ތެރެއިން އެއް މާކެޓެވެ. އެއާއެކު ވިޒިޓް މޯލްޑިވްސްއިން ވަނީ 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ އަދަދެއްގެ މާކެޓިންގ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުރިއަށް އޮތް ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރެވޭ މަސައްކަތްތަކާއި، އިންޑިއާގެ ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
"އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއް. އަޅުގަނޑުމެން މި ވަގުތު މަސައްކަތް މި ކުރަނީ އިންޑިއާގެ އިންފްލުއެންސަރުންނާއި، އެއަރލައިންތަކާއި، އަދި ޓުއަރ އޮޕަރޭޓަރުންނާ އެކު ގުޅުން އިތުރަށް ބަދަހިކުރުމަށް. މުންބާއީގައި ބޭއްވުނު 'މޯލްޑިވިއަން ނައިޓް' އަކީ އިންޑިއާގެ މާކެޓަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެއް. އަދި 2025 ވަނަ އަހަރުގެ ކެމްޕެއިންތަކުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް."ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ
ދިވެހިރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އައުން އިތުރުވަމުންދާއިރު، ވިޒިޓް މޯލްޑިވްސްއިން ދަނީ ޚާއްޞަ ތަޖުރިބާތައް ފޯރުކޮށްދިނުމަށާއި، އެކިއެކި ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ. މިއީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.
އިތުރު ލިޔުންތައް

މިއަހަރުގެ ޓޫރިޒަމް ސިމްޕޯޒިއަމް ފަށައިފި
7 މަސް ކުރިން
އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެ
6 މަސް ކުރިން
އަރަބި އިސްލާމީ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރު ރޯޑްޝޯއެއް ބާއްވަނީ
5 މަސް ކުރިން