މިމަހު 15 އިން ފެށިގެން އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދޭނެ- އީސީ

އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރު ހަސަން ޒަކަރިއްޔާ--ފޮޓޯ: މެންދުރު

04 ފެބްރުއަރީ 2025 - 10:13
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މެންދުރު ޓީވީގެ މަޢުޟޫ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ހައްލަކަށް ވާނެ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ، 2014 ވަނަ އަހަރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާ ގުޅިގެން ޤާނޫނަން ގެނައި އިސްލާހުތަކުގެ ދަށުން، ފޯމުތަކުގައި ފިންގާ ޕްރިންޓް ޖެހުމަށް ޝަރުތުކޮށްފައިވީ ނަމަވެސް، އެ ފޯމުތަކުގެ ސައްހަކަން ޔަގީން ކުރެވެން ނެއްކަމަށެވެ. އެހެންވީމާ ގާނުނުން އީސީއަށް ލިބިދޭ ބާރުގެ ދަށުން ރައްޔިތުންގެ މައުލޫމާތު ހޯދުމުގެ މައްސޫލިއްޔަތު އީސީއިން އަދާކުރުމަށް، އެކަމާ ގުޅުންހުރި ރިސޯސަސް ހޯދުމަށް ފާއިތުވި ފަސް ވަރަކަށް އަހަރު އިސީއިން ކަމާއި ގުޅުންހުރި ފަރާތްތަކުން މާލީ އެހީއަށް އެދިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ބަޖެޓެއްގައި މިކަން ހިމަނައިފައި ނުވާކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
އަދި ސިޔާސީ ޕާޓިތަކާއި މަޝްވަރާކުރެވި، ޕާޓީތަކާ ގުޅޭ ގާނޫނަށް ބޮޑު "އޯވާހޮލްއެއް" ގެންނަން މަޖިލީހަށް ބިލްއެއް ފޮނުވާފައިވާތާ ފަސް އަހަރު ވީއިރުވެސް، ގާނޫނަށް ބަދަލެއް އައިސްފައި ނުވާކަން ވެސް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.
އިލެކްޝަން ކޮމިޝަންގެ ޖަލްސާއަކުން ނިންމީ ސިޔާސި ޕާޓީތަކުގެ ގަވައިދަށް ބައެއް މާއްދާތައް އިތުރުކުރުމަށްފަހު ގަވައިދުގެ ތެރެއިން ކަންކަން ހިމަނައިގެން، މިހާރު ދިވެހިރާއްޖެގައި ވަރަށް ގިނަ ހިދުމަތްތަކުގައި ބޭނުންކުރާ އިފާސްއަށް ސިޔާސި ޕާޓީތަކަށް ވަނުމުގެ ބައި އެއްކޮށް ބަދަލުކުރަން. އެގޮތުން ގަވައިދަށް އަޅުގަނޑުމެން މިހާރު ބަދަލު ގެނެއްސަ، ގަވައިދު މިހާރު ވާނެ ގެޒެޓުކުރަން ފޮނުވާފަ. ގެޒެޓުކުރެވުމުން ފެބްރުއަރި މަހުގެ 15އިން ފެށިގެން ސިޔާސީ ޕާޓިތަކަށް ވަނުމަށް ދެން ފުރުސަތު ލިބިގެން ދާނި އީފާސްގެ ތެރެއިން،-އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ
އެހެންކަމުން، އީސީއިން މައުލޫމާތު ހޯދުމަށް އެހެނިން މުއައްސަސާތަކަށް ބުރަވާކަމަށާއި، ހާއްސަކޮށް ފުލުހުންގެ އެހީ ވަރަށް ބޮޑަށް ފާއިތުވި އަހަރުތަކުގައި ހޯދައިފައިވާކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އީސީއަށް ލިބެމުންދާ ފޯމުތަކުގެ އަދަދު ގިނަވަމުން ދާތީ، މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާކަމަށް ޒަކަރިިއްޔާ ވިދާޅުވިއެވެ.
ވީމާ، ޕާޓީތަކަށް ރެޖިސްޓާވުން މުޅިން އެއްކޮށް އީފާސްއަށް ބަދަލުކުރުމަކީ ދާއިމީ ހައްލެްކަމަށް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. ސަބަބަކީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމު ހުށަހެޅޭނީ ކޮންމެ މީހަކުވެސް ހަމައެކަނި އެމީހެއްގެ އަމިލް ނަން މަތީގައި ކަމަށްވާތީއެވެ.