logoEN
ކުޅިވަރު

އަލްފޮންސޯ ޑޭވިސް ރެއާލް އަށް ނޫނެކޭބުނެ، ބަޔާން މިއުނިކާއެކު އެއްބަސްވުން އާކޮށްފި

ޑޭވިސް 2030 ވަނަ އަހަރާއި ހަމައަށް އެއްބަސްވުން އައުކޮށްފައިވޭ. ފޮޓޯ: ބަޔާން

ޑޭވިސް 2030 ވަނަ އަހަރާއި ހަމައަށް އެއްބަސްވުން އައުކޮށްފައިވޭ. ފޮޓޯ: ބަޔާން

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ފެބްރުއަރީ 2025 - 14:17

ބަޔާން މިއުނިކް ދޫކޮށް ރެއާލް މެޑްރިޑާއި ސޮއިކުރުމާއި ގާތުގައި ހުރިކަމަށް ގިނަ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވިސް، ބަޔާން އާއެކު 2030 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް އެއްބަސްވުން އައުކޮށްފިއެވެ. 24 އަހަރުގެ މި ކުޅުންތެރިޔާ ބަޔަން މިއުނިކާ ގުޅުނީ 2018/19 ވަނަ ސީޒަނުގައި ވެންކޫވަރ ވައިޓްކެޕްސްއިންނެވެ.

ލެފްޓް ވިންގް-ބެކް ޑޭވިސްގެ ކުރީގެ އެއްބަސްވުން ނިމުމަކަށް އަންނަން އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެކަމަކު އަލްފޮންސޯ ފަދަ ޤާބިލު ކުޅުންތެރިއަކު ހިލޭ ދޫކޮށްލަން ކުލަބުން ބޭނުން ނުވުމާއެކު، ދެފަރާތުން އެކަކު އަނެކަކަށް ދެއްކި އިތުބާރާއެކު އިތުރު ފަސް އަހަރަށް އެއްބަސްވުން އައުކުރުމަށް ނިންމާފައިވެއެވެ.

"މި މޮޅު ކުލަބާއެކު އެއްބަސްވުން އައުކުރެވުނީތީ ވަރަށް އުފާވޭ. އަހަރެން ބަޔަން މިއުނިކަށް އައީ 18 އަހަރުގައި. އަހަރެންގެ ޕޮޒިޝަންގައި އެންމެ މޮޅު އެކަކަށް ވުމަށް ކޮންމެ ދުވަހަކުވެސް ވީހާވެސް ގިނަ އެއްޗެހި ދަސްކުރަން ބޭނުންވި. މިހާރު އިތުރު ފަސް އަހަރަށް އެކުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އުފާވޭ. މިހާރުވެސް މިތަނުން ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކުރެވިއްޖެ، އެކަމަކު އަދިވެސް އެބަހުރި ގިނަ ކަންތައްތަކެއް،" ޑޭވިސް ބުންޏެވެ.

ޑޭވިސް މިހާތަނަށް ކުލަބަށް 220 މެޗު ކުޅެ، 12 ލަނޑާއި 34 އެސިސްޓް ހޯދާފައިވެއެވެ. އޭނާ ވަނީ ބުންޑެސްލީގާ ފަސް ފަހަރު، ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕަރ ކަޕް، ފީފާ ކުލަބް ވޯލްޑް ކަޕް، ދެ ޑީއެފްބީ ކަޕް އަދި ތިން ޖަރުމަން ސުޕަރ ކަޕް ކާމިޔާބުކޮށްފައެވެ.

ކެނެޑާގެ ޤައުމީ ޓީމަށް މިހާތަނަށް 56 މެޗު ކުޅެ 15 ލަނޑު ޖަހާފައިވާ ޑޭވިސް ވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ބައިވެރިވެފައެވެ. މީގެ އިތުރުން ދެ ކޮންކަކަފް ގޯލްޑް ކަޕާއި ކޯޕާ އެމެރިކާގައިވެސް ބައިވެރިވެފައިވާ ޑޭވިސް މިހާރު ދަނީ ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder