ޒުވާނުންނަކީ ދިވެހި ޚިދުމަތުގެ އުދަރެހަށް އުދަވަމުންދާ ތަރިތަކެއް: ރައީސް
.jpg&w=96&q=75)
6 ފެބްރުއަރީ 2025 - 13:56

ޤައުމުގެ މުސްތަޤްބަލަކީ އަދުގެ ޒުވާނުން ކަމަށާއި، ޒުވާން ޖީލު ހަރުދަނާ ކުރުމަށްޓަކައި ވިޔާނުދާ ޢަމަލުތަކުން އެފަރާތްތައް ރައްކާތެރިކުރުމަކީ ކޮނޑުފުޅުގައި އެެޅިފައި އޮތް މުހިންމު ޒިންމާއަކާއި ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ދައުރުގެ މަޖިލިސް ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ދާއިރާއެއްގައި ޚިދުމަތްކުރި ނަމަވެސް ޒުވާނުންނަކީ ޤައުމެއްގެ ދިރެމުންދާ އަދި ފޯދެމުންދާ އާބާދީ ކަމަށާއި ޤައުމެއްގެ އެންމެ އަގުހުރި އެއް ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުން ކަމަށެވެ. އެހެންކަމުން ޤައުމީ ތަރައްޤީގައި ޒުވާނުންގެ ހަކަތައާއި ވާގިވެރިކަން ކިތަންމެހައި ވެސް ބޮޑަކަށް ބޭނުންވާ ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އެކަމަށްޓަކައި ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތަކެއް ސަރުކާރުގެ އިސްނެގުމުގެ މަތިން ދަނީ ކުރަމުންނެވެ.

Ad by Hajj Corporation
މީގެ އިތުރުން، ޒުވާނުން މުޖުތަމަޢުގައި ހަވާސާ ވިޔަނުދީ ބޭނުންތެރި ބަޔަކަށް ހެދުމަށް ގިނަ ފުރުޞަތުތައް އަދުގެ ސަރުކާރުން ފަހިކޮށްދޭ ކަމަށާއި، އެގޮތުން މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހު އިޢުލާންކުރެއްވި ނޭޝަނަލް ސަރވިސްގެ ނިޒާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި، ޢިލްމާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރެވޭނެ ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
އަދި ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން، މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވަން ބޭނުންފުޅުވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ. މޭރުމުން ކުރެވޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޒުވާނުންގެ އަމިއްލަ އާއިލީ ދިރިއުޅުމާއި، ޤައުމީ ޙަޔާތާއި، އަޚްލާޤާއި ޢިލްމީ މައިދާން، އެ ޒުވާނުންނަށް އެންމެ ފައިދާހުރި ގޮތުގައި ދިވެހި ދައުލަތުން ބިނާކޮށްދޭނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.