ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން އެބަ އޮތް - އޭޖީ
10 ފެބްރުއަރީ 2025 - 16:46

ޖިނާޢީ އަދުލުގެ ނިޒާމުގައި ތެރޭގައި މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، އެހެންކަމުން އެކަން ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބް މިހެން ވިދާޅުވީ އިންގިރޭސި ހައިކޮމިޝަނަރ ބަންޑާރަ ނައިބް އޮފީސް ގުޅިގެން އަންލޮކިން ޖަސްޓިސްގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެނެވެ.
ކުރުނބާ ރިސޯޓުގައި އަންލޮކިންގް ޖަސްޓިސް ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ، ޖިނާޢީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ނިޒާމީ ގޮތެއްގައި ހުރި މައްސަލަތައް ދެނެގަތުމަށް ހެދުނު ދިރާސާގެ ހޯދުންތަކުގެ މަޢުލޫމާތުތައް ދިނުމަށް ބޭއްވުނު ހަރަކާތެކެވެ. މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު އަދި ސުޕްރީމް ކޯޓާއި މަތީ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މީގެއިތުރުން ބަންޑާރަ ނައިބު އަހުމަދު ޢުޝާމް، ޕޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް އަދި އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޢައްސަސަތާކައި އިދާރާތަކުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އިންގިރޭސި ސަފީރު ނިކް ލޯ ވަނީ، ދިވެހި ސަރުކާރުން އަދުލުގެ ނިޒާމުގެ ހަރުދަނާކުރުމަށް މުހިންމު މަސައްކަތެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ނިޒާމަށް ގެންނަވަން ކަނޑައަޅުއްވާފައިވާ ބަދަލުތައް އިއުލާން ކުރެއްވިކަން ފާހަގަކޮށް އެކަމަށް ވަނީ މަރުހަބާ ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އަދުލު އިންސާފު ޤާއިމްކޮށް ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު އިންސާފު ލިބޭކަން ކަށަވަރުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިސްކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވާފައެވެ.
ބަންޑާރަ ނައިބު ވާހަކަފުޅުގައި ޖިނާޢީ އަދުލުގެ ނިޒާމުގައި ތެރޭގައި މައްސަލަތައް ލަސްވުމުގެ ކަންބޮޑުވުން އޮތްކަންވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.