logoEN
ޚަބަރު

މަސްވެރިކަމަށް ޒުވާނުން ނިކުންނަ މަންޒަރު ފެނުމުން އުފާވޭ - މިނިސްޓަރ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 ފެބްރުއަރީ 2025 - 17:10

ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވެން ފެށުމާއެކު ޒުވާނުން މަޑުމަޑުން އަނެއްްކާ މަސްވެރިކަމަށް ނުކުންނަން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުން ލިބޭ އާމްދަނީ މަސްވެރި އާއިލާތަކުގެ ތެރޭގައި ދައުރުވަމުން އަންނަ އިރު، މަސްވެރި ސިނާއަތު އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށެވެ.

އެމްއެމް ޓީވީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދާއިރާ ދޫކޮށް ދިޔަ އެތަކެއް ފަރާތެއް އަލުން ދާއިރާއަށް ނުކުންނަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންގެ އަދަދު ގިނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްވެރިންނަށް ގަވާއިދުން ފައިސާ ނުލިބުމުގެ މައްސަލައެވެ. އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވީ މަސްވެރިންނަށް ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދިނުމުގެ ވަޢުދާއި އެކުގައެވެ. މި ވަޢުދާއި އެއްގޮތަށް މަސްވެރިން ބާނާ މަހަށް ފައިސާ ދޫކުރަން މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ފަށާފައެވެ.މަސްވެރިންނަށް ޤަވާއިދުން ފައިސާން ދޭން ފެށި ފަހުން މިވޭތުވެ ދިޔަ ދެ ހަފްތާގައި މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުވެފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން މިދިޔަ 7 ދުވަހަށް ބަލާއިރު، އެވަރޭޖްކޮށް ކޮންމެ ދުވަހަކު 272 މެޓްރިކް ޓަނުގެ މަސް ކިރުވާފާއިވާކަން މިފްކޯއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ އަހަރުތެރޭ މަސްވެރިކަން ދަށްވެ މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިފްކޯގެ ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދެއްކުމަށް އެކުންފުނިން މަސައްކަތް ކުރަމުންދިޔަ މުއްދަތުގައި، މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވެ އަދި މަސްވެރިކަންވެސް ވަނީ ދަށްވިއެވެ. އެގޮތުން އޯގަސްޓު މަހުން ފެށިގެން ނޮވެމްބަރު މަހުގެ މެދާއި ހަމައަށް، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދު މިދިޔަ އެއް މަސް ދުވަހުގެ އަދަދާއި ދާދި އެއްވަރެކެވެ.

އެގޮތުން އެމުއްދަތުގައި 5،771 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވާއިރު، މަސްވެރިންނަށް 61،833،277 ރުފިޔާ ދޫކޮށްފައިވެއެވެ.އަދި މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޖެނުރައީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، މިފްކޯއަށް 5،248 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. މަސްވެރިންނަށް ގަވާއިދުން 48 ގަޑިއިރުގެތެރޭގައިވަނީ ޖުމްލަ 61،525،311 ރުފިޔާ ދޫކޮށްފައެވެ.މިފްކޯއިން ވިދާޅުވީ މިދުވަސްވަރު މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާއިރު، މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ ހުވަދު އަތޮޅުގައެވެ. މިހާރު މަސްވެރިކަން މަސް ކިރުވަމުން ދަނީ އެވްރެޖް އަދަދަކަށް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަން އިތުރަށް ރަނގަޅު ކިރުވާ މަހުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ލަފާކުރެއެވެ.

ކޮމެންޓް

871x217_placeholder