logoEN
ޚަބަރު

ބައިނަލްއަގުވާމީ 3 ޖަމުޢިއްޔާއަކަށް ދާއިމީ މަންދޫބުން ކަނޑައެޅުމަށް ދިރާސާކުރަން ކޮމިޓީއަށް

އާމިނަތު ސަފާއާމިނަތު ސަފާ

11 ފެބްރުއަރީ 2025 - 06:44

ބައިނަލްއަގުވާމީ 3 ޖަމުއިއްޔާއަކަށް ދިވެހިރާއްޖެއިން ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސަކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން- އައިއެމްއޯއާއި، އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ- އައިރީނާ، މީގެ އިތުރުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން- ޑަބްލިއުޓީއޯއަށެވެ.އެގޮތުން ދިވެހިރާއްޖޭން އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ނަންފުޅެވެ. އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު ނަންފުޅެވެ. އަދި ޑަބްލިއުޓީއޯއަށް ކަނޑައަޅާ މަންދޫބަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ.

އައި.އެމް.އޯއަކީ އދ. ގެ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑާއި ޖައްވު ތަޣައްޔަރުވުން ހުއްޓުވުމެވެ. މިހާރު މި ޖަމްޢިއްޔާގައި 176 މެމްބަރު ޤައުމު ހިމެނެއެވެ.

އައިރީނާއަކީ ބައިނަލްއަޤްވާމީ އިއާދަކުރަނިވި ހަކަތައިގެދާއިރާއިން ސަރުކާރުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި، މަޢުލޫމާތު ކުރިއެރުވުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ބޭނުން ހިފުން ކުރިއެރުވުމަށް އުފެދިފައިވާ ޖަމްޢިއްޔާއެކެވެ. މިހާރު މި ޖަމްޢިއްޔާގައި 169 މެމްބަރު ޤައުމު ހިމެނެއެވެ.

ޑަބުލިއުޓީއޯއަކީ ދުނިޔޭގެ ވިޔަފާރީގެ ގަވާއިދުތަކާ ބެހޭގޮތުން މަސައްކަތްކުރާ ހަމައެކަނި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ މިނިވަންކަން ކަށަވަރުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމެވެ. މިހާރު މި ޖަމްޢިއްޔާގައި 166 މެމްބަރު ޤައުމު ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގައި ބަޔާންކުރަނީ ބޭރުގެ ޤައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ މަންދޫބުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުން ރުހުން ލިބިވަޑައިގަތުމުންކަމަށެވެ.

ކޮމެންޓް

871x217_placeholder