logoEN
ޚަބަރު

މާލޭގައި ރޯދަ ހަދިޔާ މަސްދަޅު ބަހަން ފަށާނީ މި މަހު 20 އިން ފެށިގެން

މުހައްމަދު މޫސާމުހައްމަދު މޫސާ

12 ފެބްރުއަރީ 2025 - 04:21

ސަރުކާރުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް ކޮންމެ ގޭބިސީއަކަށް ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް، މާލޭ ސަރަހައްދުގައި ބަހަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށް އެސްޓީއޯއިން މިއަދު ހާމަކޮށްފިއެވެ.

އެސްޓީއޯގެ ފަރާތުން މި މަޢުލޫމާތު ދެމުން ބުނީ، މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މިފްކޯ އާއި މާލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވި، ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ. މާލޭ ސަރަހައްދުގައި މި ހަދިޔާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

އެސްޓީއޯއިން އިތުރަށް ހާމަކުރި ގޮތުގައި، މާލޭގައި މި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ތާރީޚުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ކުރިއާލާ އަންގާނެ ކަމަށްވެސް ބުންޏެވެ.

މި އަހަރު ވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނެ މަރުކަޒުތަކުގެ ތެރޭގައި މާލޭގައި މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް، ވިލިމާލޭގައި ވިލިމާލޭ ކައުންސިލް އޮފީސް، ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިން، އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު ހިމެނެއެވެ.

އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައެވެ. ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކޮމެންޓް

871x217_placeholder