ހާއްޕެގެ މޮޅުކުޅުމާއެކު ދުވާފަރު ބަލިކޮށް ޒޯނުގެ ޗެންޕިއަންކަން އިނގުރައިދޫއަށް

ހާއްޕެގެ މޮޅުކުޅުމާއެކު އިނގުރައިދޫއިން ވަނީ އަތޮޅުގެ ތައްޓާއެކު ޒޯނުގެ ތަށިވެސް ނަގާފައި، ފޮޓޯ: އިމޭޖެސް.އެމް.ވީ

13 ފެބްރުއަރީ 2025 - 07:25
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން 2 ގައި 4 ވަނަ ފަހަރަށް ދުވާފަރުބަލިކޮށް، ޗެންޕިއަންކަން އިނގުރައިދޫއިން ހޯދައިފިއެވެ. މިމުބާރާތުގައި މީގެ ކުރިން 3 ފަހަރަކު މިދެޓީމު ވާދަކޮށްފައިވާއިރު، 3 ފަހަރުވެސް އިނގުރައިދޫއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން އަތޮޅު ފައިނަލުގައިވެސް އިގުރައިދޫއިން ވަނީ ފަހަތުން އަރައި 3 ގޯލުޖަހައި 3-1 އިން މޮޅުވެ، އަތޮޅުގެ ޗެންޕިއަންކަން ހޯދާފައެވެ.
ރޭގައި ކުޅެވުނު މިމެޗު އިނގުރައިދޫއިން ކާމިޔާބުކުރީ 4-2 އިންނެވެ. ޒޯނުގެ އެންމެ ވާދަވެރި ދެޓީމުގެ މެދުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑުނެގީ އިނގުރައިދޫއިންނެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި އަހުމަދު އައިހަމް (އައިހު) ވަނީ ގޯލުޖަހާފައެވެ. އަދި ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އަހުމަދު މަސީދު (މައްޓެ) ވަނީ ގޯލެއް ޖަހައި އިނގުރައިދޫއަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ހާފުގެ ފަހުވަގުތުގައި ކައިރިކައިރީގައި ދުވާފަރުގެ ހަސަން އަޒޫމް ވަނީ 2 ގޯލުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މުހައްމަދު މަމްދޫހް (މަންޑޭ) އިނގުރައިދޫއަށް ދެވަނަ ފަހަރަށް ލީޑުނަގާދީފައިވާއިރު، މެޗުގެ ފަހުގޯލު ޖަހާފައިވަނީ މެޗުގެ މޮޅުކުޅުންތެރިޔާ އަލީ ހާފިޒްއެވެ. މިޒޯނުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމާއި މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީވެސް އަލީ ހާފިޒް (ހާއްޕެ) އެވެ.
ޒޯނުގެ މޮޅުކުޅުންތެރިޔާ އަލީ ހާފިޒް. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
މުބާރާތުގެ ގަދަ 16 އިން އިނގުރައިދޫ އާއި ދުވާފަރު ޖާގަހޯދާފައިވާއިރު، އިނގުރައިދޫ ގަދަ 16 ނޮކްއައުޓް ބުރުގައި ވާދަކުރަން ޖެހޭނީ ލ. ގަމާއިދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 ގައެވެ. އަދި ދުވާފަރުން ގަދަ 16 ގައި ވިލިމާލެއާއި ދެކޮޅަށް ނިކުންނައިރު، މިމެޗު ކުޅޭނީ ހަމައެރޭ 23:00 ގައެވެ.
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
3 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
2 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
2 މަސް ކުރިން