ޙާލު ކިހިނެތް: މިހާތަނަށް 12000 އާއިލާއާ ބައްދަލުކޮށް މައުލޫމާތު ނަގައިފި
13 ފެބްރުއަރީ 2025 - 12:34

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފަށާފައިވާ "ހާލު ކިހިނެއް" ޕްރޮގްރާމްގައި މިހާތަނަށް 12000އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ޙާލަތު ދެނެގަނެފައިވާކަމަށް ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
އިޖުތިމާޢީ ދާއިރާތަކުން އެހީތެރިކަން ދިނުމަށް ރަށްރަށުން މީހުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ "އިބަމަ" ޕްރޮގްރާމްގައިވެސް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މި މަޢުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޑޭޓާ ބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
މީގެއިތުރުން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީ ފެށި މަސައްކަތެކެވެ. މިއީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ ޢާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިންނަށް ހެދުމަށް ފަށާފައިވާ މަސައްކަތެކެވެ.
ވަޒީރު ވިދާޅުވީ ދަޢުލަތުގެ ބެލުމުގައި ތިބި 67 ކުދިން މިހާތަނަށް އާއިލާއާއި ހަވާލުކޮށްފަވާކަމަށެވެ. އޭގެތެރޭގައި އަމިއްލަ އާއިލާއާއި ތިމާގެ މީހުން އަދި ފޯސްޓަރ ކުރި ޢާއިލާތަށް ހިމެނެއެވެ.
ދަޢުލަތުގެ ބެލުމުގެދަށުގައި މިވަގުތުވެސް 139 ކުދިން އެބަތިއްބެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ އާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިން އިތުރުކޮށް، ދަޢުލަތަށް ނެގޭ ކުދިންގެ ޢަދަދު މަދުކުރުންކަމަށެވެ.