ޙާލު ކިހިނެތް؟: މިއީ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް


19 ފެބްރުއަރީ 2025 - 13:32
ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި "ހާލު ކިހެނެއް؟" ޕްރޮގްރާމް މިއަހަރުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
އެގޮތުން މިހާތަނަށް މާލޭ ސިޓީގެ އިތުރުން، 13 އަތޮޅެއްގެ ރަށްރަށުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށްވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިހާތަނަށް 12000 އަށްވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށް، ހާލަތު ބަލާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިކަމާ ގުޅޭގޮތުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން އާއިލާތައް ވަރަށް ބޮޑަށް ބާރުވެރިވެގެން ދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އޯގާތެރި މުޖްތަމަޢެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ ދާއިރާތަކުން އެހީތެރިކަން ދިނުމަށް ރަށްރަށުން މީހުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ "އިބަމަ" ޕްރޮގްރާމްގައިވެސް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ތަމްރީންކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.މީގެއިތުރުން މި މަޢުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޑޭޓާ ބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީ ފެށި މަސައްކަތެކެވެ. މިއީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީ ޢާއިލީ ލޯބީގެ ތެރެއިން ބޮޑުވާ ކުދިންނަށް ހެދުމަށް ފަށާފައިވާ މަސައްކަތެކެވެ.