logoEN
ޚަބަރު

"ޙާލު ކިހިނެތް"؟ ވަރަށް ކާމިޔާބު: މިހާތަނަށް 14000 ގެއަށް ޒިޔާރަތްކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

27 މޭ 2025 - 12:33

ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "ޙާލު ކިހިނެއް؟" ޕްރޮގުރާމްގެ ދަށުން މިހާތަނަށް 14،000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށްފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ޙާލު ކިހިނެއް ޕްރޮގުރާމް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގުރާމެކެވެ.

ވަޒީރު ވިދާޅުވީ މި ޕްރޮގުރާމްގެ ތެރެއިން އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރަށްވެހިންނަށް ދިމާވާ ދަތިތައް ފާހަގަކޮށް، އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތައް ބެލެހެއްޓުން ހަވާލުކުރެވިފައިވާ މީހުންނަށް އަމާޒުކޮށް ތަމްރީންތަކެއް ހިންގަން ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.ޙާލު ކިހިނެއް ޕްރޮގުރާމް ފަށާފައިވަނީ ހިޔާ ފްލެޓުތަކުންނެވެ. މިހާތަނަށް އައިރު ހުޅުމާލޭގެ އިތުރުން މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވެއެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ޙާލު ކިހިނެއް ޕްރޮގުރާމުން ދެނެގަނެވޭ އެއް ކަމަކީ ވަޒީފާ ލިބުމުގައި އެކި ފަރާތްތަކަށް ދިމާވާ ދަތިތައް ކަމަށެވެ. އެހެންކަމުން މި ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވަޒީފާ ދޭ ފަރާތްތަކާއި އެކި ކުންފުނިތަކާ ގުޅިގެން ވަޒީފާތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށް މި ޕްރޮގުރާމްގެ ދަށުން ޖުމްލަ 14،000 ގެއަކަށް ޒިޔާރަތްކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އާއްމުން އެންމެ ގިނައިން ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

ކޮމެންޓް

871x217_placeholder