ޔަހޫދީ އަސީރުން ހޮނިހިރުދުވަހު ދޫކޮށްލަން ހަމާސްއިން ނިންމައިފި
13 ފެބްރުއަރީ 2025 - 13:23

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީން އެއްބަސްވުމާ އެއްގޮތަށް ހޮނިހިރު ދުވަހު ދޫކޮށްލާނެކަމަށް ހަމާސްއިން ބުނެފިއެވެ.
ހަމާސްއިން މިކަން ހާމަކޮށްފައިމިވަނީ ޙަމާސާއި އިސްރާއީލާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އަސީރުން މިނިވަންކުރުން މުއްދަތެއްނެތްގޮތަށް ފަސްކޮށްފައިވާކަން އެންގުމުން މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation
ހަމާސްއިން މިއަދު ބުނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުން ނުވާކަމަށާއި ނަމަވެސް ޔަހޫދީންގެ އަމަލުތައްވެސް ބަލައިނުގަންނަކަމަށެވެ.
އަދި އަސީރުން ދޫކޮށްލަން އެއްބަސްވީ ޔަހޫދީންނާއި އެމެރިކާގެ "ބިރުދެއްކުމާއި ނުރައްކާތެރިކަމުގެ" ބަސްތަކަށް ބޯލަނބައިގެން ނޫންކަމަށް ހަމާސްއިންވަނީ ބުނެފައެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު އުފެދިފައިވާ މި ހަމަނުޖެހުމުގެ ސަބަބުން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އަލުން ފެށުމުގެ ބިރު އޮތްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ.


