logoEN
ޚަބަރު

ހައްޖާއި އުމްރާގެ ދަތުރުތަކަށް މެޑިކަލް ޓީމް ދަފްތަރެއް ހަދާތީ ރަޖިސްޓްރީވާން ހުޅުވާލައިފި

އާމިނަތު ސަފާއާމިނަތު ސަފާ

14 ފެބްރުއަރީ 2025 - 05:30

ހައްޖު ކޯޕަރޭޝަނުން ކުރާ ހައްޖު އަދި އުމްރާ ދަތުރުތަކުގައި ބައިވެރިވާ ސިއްޙީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމަށް ނިންމައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ގެޒެޓްކުރި އިއުލާނުގައި ވަނީ މިދަފްތަރުގައި ރަޖިސްޓްރީވުމަށް ޑޮކްޓަރުންނާއި ނަރުހުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެދިފައެވެ. ދަފްތަރު އެކުލަވާކުމަށްފަހު ކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ މިދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިންކަމަށްވެސް އިއުލާނުގައިވެއެވެ.

އިއުލާނުގައިވާގޮތުން ޑޮކްޓަރުންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވާ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވާނަމަ އަދި ސިއްހީ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވެ މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް އޮތް ފަރާތްތަކަށެވެ.

މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނެނީ މެޑިކަލް އޮފިސަރުންނާއި، ޖެނެރަލް ޕްރެކްޓިޝަނަރުންނާއި، ފިޒިޝަނުންނާއި، ކާޑިއޮލޮޖީއާއި، ނެފްރޮލޮޖީގެ އިތުރުން ނިއުރޮލޮޖީއެވެ.

މި މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުމާއި، މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމާއި، ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރަށް ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވުމެވެ.

އިއުލާނުގައިވާގޮތުން ނަރުހުންގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވެވޭނީ ނަރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮއްފައިވާ، ސިއްހީ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް އޮތް އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހުންނަށެވެ.

މި މީހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމުގައި ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުމާއި، ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވުމެވެ.

މިކަމަށް ޝައުގުވެރިވާ ޑޮކްޓަރުންނާއި ނަރުހުން ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ އެކަން އަންގައިދޭ ލިޔުން އަދި އަދާކުރާ ނުވަތަ އަދާކުރަމުންދާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުންވަނީ އެދިފައެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށެވެ.

ކޮމެންޓް

871x217_placeholder