logoEN
ރިޕޯޓް

ސަރުކާރުގެ ޓެކްސީ ލައިން، ރައްޔިތުންނަށް ލުއި ލިބޭނެ މުހިންމު ނިންމުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ

14 ފެބްރުއަރީ 2025 - 11:58

ޒުހުދާ: ހުކުރު ދުވަހު ދެ ދަރިން ގޮވައިގެން ލޮނުޒިޔާރަތް ޕާކަށްދާން ޒުހުދާ ހުރީ މަޖީދީ މަގުގައި ކާރެއް ހޯދަން ނުކުމެއެވެ. ދެ ފައި ކޮޅަށް ލޭއަރައި، ދަރިންގެ ފައި ވާޅުވިއިރު ވެސް ހުސް ޓެކްސީއެއް ނުލިބުނެވެ. އޭނާ ހުރީ މާފަންނު ވީބީ ދިމާ މަޖީދީމަގު އަނެއް ފަޅީގައެވެ. އޭނަ ފަދަ އެތައް ބަޔަކު މަގުގެ އެކި ހިސާބަށް ހުއްޓި ޓެކްސީއެއް ހޯދަން އަތް ހޫރަމުން ދިޔައެވެ.

ހަސަންމަނިކު: ހަސަންމަނިކު އަންހެނުން ގޮވައިގެން ޑޮކްޓަރަށް ދައްކާލަން މާލެ އައިސް ތިބީ ދަރި ޒަރީނާ ހިފައިގެން އުޅޭ އެޕާޓްމަންޓްގައެވެ. އެތަން ހުންނަނީ ހެންވޭރު ކޮޅުގައެވެ. ހޮނިހިރު ދުވަހު 10:30 އަށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން އޮތުމުން ކާރެއް ހޯދަން 9:30 ހާއިރު ނުކުމެއްޖެއެވެ. އެކަމަކު 11 ޖެހި އިރުވެސް ކާރެއް ނުލިބުނެވެ.

ނާއިލާ: ނާއިލާގެ ހަގު މަންޖެ މަޖްދާގެ ފީލްޑް ޓްރިޕެއް އާދީއްތަ ދުވަހު ހެނދުނު ވިލިނގިއްޔަށް އޮތުމުން ކުޑަދަރިފުޅު ވެސް ގޮވައިގެން ފެރީ ޓާމިނަލަށް ދާން ކާރެއް ހޯދަން ނުކުމެއްޖެއެވެ. އެންމެ ކައިރި މައި މަގެއް އޮތީ ފަރީދީ މަގުގައިކަމުން ނުކުމެ އަތް ހޫރާ، އެޕަށް ޖަހައި، ޓެކްސީ ސެންޓަރަށް ގުޅައިގެން ވެސް ކާމިޔާބެއް ނުވިއެވެ.

އިސްވެ ބަޔާންކުރި ހާދިސާތަކަކީ ރައްޔިތުން މާލޭގައި ޓެކްސީ ހޯދަން އުފުލާ ތަކުލީފްގެ ކުޑަ މިސާލެކެވެ. ޓެކްސީ ހޯދުމަކީ ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ ބޮޑު ދައްޗެކެވެ. އެއީ ހަގީގަތެކެވެ. އެއީ ހައްލު ބޭނުންވާ ކަމެކެވެ. އެކަން ސަރުކާރުން ފެށުމަކުން ޓެކްސީ ކުރާ މީހުންނަށް މިހާރު ލިބޭ ދަތުރުތައް ލިބެމުންދާނެއެވެ. ސަރުކާރުން ފަށާ ޚިދުމަތުން ފަސޭހަކަން ލިބޭނީ ޓެކްސީ ނުލިބިގެން މާޔޫސްވާ ރައްޔިތު މީހާ އަށެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއަށް

މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މި މަހުގެ 12 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، މި ޚިދުމަތުގައި ބޭނުންކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) ކަމަށެވެ. އަދި މިހާރު ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކަށް މި ނިންމުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރެވޭނެއެވެ. އަދި މި ޚިދުމަތާ ގުޅުމުގެ ފުރުޞަތު ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، "ޚިދުމަތް ދިނުމަށް އޫބަރ ނުވަތަ ގްރެބް ކޮންސެޕްޓްފަދަ ސޮފްޓްވެއަރގެ ތެރެއިން އެމްޓީސީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން 2 މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ."

ޓެކްސީގެ ޚިދުމަތަކީ ވަރަށް އަސާސީ އަދި މުހިންމު ޚިދުމަތެއް

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، ޓެކްސީގެ ޚިދުމަތަކީ ވަރަށް އަސާސީ އަދި މުހިންމު ޚިދުމަތަކަށްވާއިރު، މިވަގުތު ޓެކްސީތައް ޒިންމާދާރުކުރުވޭނެ އެއްވެސް ގޮތެއް ނެތެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ހުރިހާ ވަގުތެއްގައި ހުރިހާ ތަނަކަށް ދެވޭނެ ފަދަ ފަސޭހަ ގޮތަކަށް ޚިދުމަތް ބައްޓަންވެފައި ނެތްކަން ފާހަގަކުރެވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން "މާލެ ފަހި" މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިގޮތުން ޓެކްސީ ލައިނަކީ ފްރީލާންސް އުސޫލުން ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށްގެންދޭ ޚިދުމަތެއްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ޓެކްސީ ލައިނަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ތަޢާރަފްކޮށްގެން ދޭ ޚިދުމަތެއް ކަމަށާއި، މިއީ ދެފަރާތުން އެއްބަސްވާގޮތަށް މީޓަރު އުސޫލަކުން ހިންގޭ ޚިދުމަތެއްކަން ފާހަގަކޮށްލެވެއެވެ. މި ނިޒާމުގެ ސަބަބުން ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އިތުރު ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އައު ނިޒާމުގެ ދަށުން ޓެކްސީ ޚިދުމަތުގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި:

1. ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުން

2. ޚިދުމަތަށް އެދޭތާ 2 މިނެޓް ތެރޭގައި ޓެކްސީ ލިބުން

3. އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށް ހައްލު ލިބުން

4. ފުލްޓައިމް އަދި ޕާޓްޓައިމް ވަޒީފާގެ ފުރުޞަތުތައް އިތުރުވުން

5. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ދިނުން

މީގެ އިތުރުން، މިހާރު ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް މި ނިޒާމު ފަރުމާކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

މުހިންމު ފިޔަވަޅެއް

ސަރުކާރުގެ މި އައު ޓެކްސީ ލައިން ޚިދުމަތަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައު ބަދަލުތަކެއް ގެނެސްދޭނެ، އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީގެ ޚިދުމަތް ލިބިގަތުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތުގެ ސަބަބުން މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

ކޮމެންޓް

871x217_placeholder