މިއަހަރުގެ މިހާތަނަށް ޗައިނާއިން 1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
16 ފެބްރުއަރީ 2025 - 11:21

މިއަހަރުގެ މިހާތަނަށް ޗައިނާއިން 1 ބިލިޔަން ރުފިޔާގެ މުދާ ރައްޖެއަށް އެތެރެކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު މިފަދައިން ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.
މިއެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމުގެ ކަންބޮޑުވުން ބައެއް ފަރާތަކުން ދަނީ ފާޅުކުރުމަންނެވެ.
އަދި އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުވައިގެން ވާހަކަދެކެވޭތީ ވަޒީރު ސަޢީދުވަނީ މިކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މިއެއްބަސްވުމުގެ ފައިދާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ އެއްބަސްވުންތައް އެކުލަވާލާ ޢަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ޤައުމުތަކުގެ ވިސްނުން ތަފާތުވާނެކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މީގެ އެންމެ ބޮޑު ފައިދާއެއް ވާނީ ރައްޔިތުންނަށްކަމަށްވެސް ވިދާޅުވިއެވެ.