ޔުވެންޓަސް އަތުން ބަލިވެ އިންޓަރ އަށް ތާވަލުގެ އެއްވަނަ އެރުމަށް ލިބުނު ފުރުސަތު ގެއްލުވާލައިފި
17 ފެބްރުއަރީ 2025 - 06:13

އިޓަލީގެ ސެރީ އޭގެ އިންޓަރ މިލާނަށް ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ. ރޭގައި ކުޅުނު މެޗުގައި ޔުވެންޓަސް އަތުން އިންޓަރ ވަނީ 1-0 ގެ ނަތީޖާއިން ބަލިވެފައެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ޕޯޗުގީޒް ވިންގަރ ފްރަންސިސްކޯ ކޮންސެއިކާއޯ ވަނީ 74 ވަނަ މިނެޓުގައި ޖަހާފައެވެ. މި ގޯލު އޭނާއަށް ޖެހުމުގެ ފުރުސަތު ހޯދައިދިނީ ރަންޑަލް ކޮލޯ މުއާނީގެ މޮޅުކުޅުމާއެކީގައެވެ.

Ad by Hajj Corporation
ތާވަލުގެ އެއްވަނަައިގައިވާ ނަޕޮލީ ލާޒިއޯ އެއްވަރުވުމާއި ގުޅިގެން އިންޓަރ އަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުނު ނަމަވެސް، ސިމޯނެ އިންޒާގީގެ ޓީމަށް އެ ފުރުސަތު ބޭނުން ނުކުރެވުނެވެ. މިހާރު އިންޓަރ އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ނަޕޮލީ އާއި ދެ ޕޮއިންޓުގެ ދުރުމިނުގައެވެ. އަދި ޔުވެންޓަސް އޮތީ އިންޓަރ މިލާނާއި އަށް ޕޮއިންޓުގެ ފަރަގެއްގައެވެ.
މި މެޗުގައި އިންޓަރގެ މެހްދީ ޓަރެމީގެ ބައިސިކަލް ކިކް އާއި ޑެންޒަލް ޑަމްފްރީޒްގެ ވަރުގަދަ ޝޮޓު ހިމެނޭ ގޮތަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެއިން އެއްވެސް ފުރުސަތެއް ގޯލަކަށް ބަދަލު ނުކުރެވުނެވެ. އަދި ޔުވެންޓަސްގެ ނިކޯ ގޮންޒާލެޒްގެ ދުރުން ޖެހި ޝޮޓު އާއި ކޮންސެއިކާއޯގެ ރީބައުންޑް ޝޮޓު އިންޓަރގެ ގޯލްކީޕަރ ޔަން ސޮމަރ ވަނީ ހުއްޓުވާފައެވެ.
މި ނަތީޖާއާއެކު އިންޓަރ ވަނީ ވިދިވިދިގެން ދެ އަވޭ މެޗުން ބަލިވެފައެވެ. މިއީ 2023 ވަނަ އަހަރުގެ ފެބްރުއަރީ އާއި މާރިޗު މަހު ބޮލޮންޔާ އާއި ސްޕެޒިއާ އަތުން ބަލިވި ފަހުން އިންޓަރ ޖެހިޖެހިގެން އަވޭ ދެމެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ޔުވެންޓަސް އަކީ މި ސީޒަންގައި ސެރީއޭގެ އަމިއްލަ ދަނޑުގައި ބަލިނުވާ ހަމައެކަނި ޓީމެވެ.