logoEN
ޚަބަރު

ފަޅުރަށެއްގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

17 ފެބްރުއަރީ 2025 - 08:09

ބ. މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުންނެވެ.

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މާލެ، މ. ޖަވާހިރުވާދީގެ އަލްޙާން ރަޝީދު ޙުސައިން (49 އަހަރު)، ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑްގެ މަރްޔަމް ރިފާޢު (25 އަހަރު)، ރ. އިނގުރައިދޫ / ވަފާގެ ޢަބްދުލް މުޙްސިން ޙަސަން (65 އަހަރު) އަދި އިންޑިއާ، ސްރީލަންކާ އަދި ބަނގުލަދޭޝްގެ ހަ ބިދޭސީންނެވެ. މި އެންމެން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އޮޕަރޭޝަނުގައި ބަލައި ފާސްކުރުމުގެ ތެރެއިން 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ 12.8 ގުރާމުގެ އެއްޗެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރެއިން ޢަބްދުލް މުޙްސިން ޙަސަން ފިޔަވައި އެހެން އަށް މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ޢަބްދުލް މުޙްސިން ޙަސަން ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.

މި މައްސަލަ ތަޙުޤީޤުކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder