ހައްޖުވެރިންގެ ދަތުރު ޤައުމީ އެއާރލައިންގައި: 3.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ

17 ފެބްރުއަރީ 2025 - 12:45
މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ ތެރެއިން 50 އިންސައްތަ ހައްޖުވެރިން ޤައުމީ އެއާލައިންގައި ދަތުރު ކުރުމުން، 3.6 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދިއުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަކީލް ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ 1000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓްގައިކަމަށެވެ.
މޯލްޑިވިއަންގެ ބޯޓުގައި ޙައްޖުވެރިން އުފުލަން ފެށުމަކީ ދިވެހިން ހައްޖަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ އެދިވަޑައިގަތުމުގެ ފެށުމަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ."ދިވެހި ހައްޖުވެރިން އަޅުގަނޑުމެން ސައުދީއަށް މިގެންދާ ކޯޓާގެ %50 އެއީ 500 ހައްޖުވެރިން ސައުދީއަށް ގެންދިއުމުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ ޚަރަދު ގާތްގަނޑަކަށް 3.6 މިލިޔަން ރުފިޔާ ޚަރަދު ކުޑަވެގެން އެބަދޭ އެހެންނޫނިއްޔާ އަޅުގަނޑުމެން ޓްރާންސްޕޯޓަށް މިކުރާ ޚަރަދަށް ބަލާއިރު. އެހެންވީމަ އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށްއޮތް ތަނުގައި ހުރިހައި ހައްޖުވެރިންވެސް ހަމަ މޯލްޑިވިއަންގެ ފްލައިޓްގައި ސައުދީ އަރަބިއްޔާއަށް ގެންދިއުން". ޝަކީލް ވިދާޅުވިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ބޭއްވި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް ޤައުމީ އެއަރލައިންގައި ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ދުވަސްކަމަށާއި މިކަން ފަހިވެގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ޚިދުމަތައް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފައިވަނީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މިހާރު މި ބޯޓުގެ ދަތުރުތައް ކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ.
އިތުރު ލިޔުންތައް

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި
7 މަސް ކުރިން
ޙައްޖު ކޯޕަރޭޝަން މީގެ ކުރިން ހިންގީ އަހަރަކު 40 މިލިއަން ރުފިޔާގެ ގެއްލުމުގައި - އެމްޑީ ޝަކީލް
7 މަސް ކުރިން
ރެސިޑެންޝަލް އިމާރާތް ނިމުމުން ކުންފުނީގެ ދަރަނީގެ ބޮޑުބައި ދެއްކޭނެ - ޝަކީލް
7 މަސް ކުރިން