ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތާއި ހެޔޮކަމަށް ކުރާ ހޭދަ ޖަމާކުރަނީ


20 ފެބްރުއަރީ 2025 - 04:06
ރާއްޖޭގެ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބައާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާގައި ޤާއިމު ކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބައާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޒަކާތު ހައުސްއަށް ޖަމާކުރުމުގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުންކަމަށެވެ. އަދި ހެޔޮކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމުކަމަށާއި ވަރަށް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދަންޖެހިފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުން މިދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެންކަމަށާއި ކުވައިތު ޒަކާތު ހައުސްގެ ނިޒާމު އޮތީ މަގުންކަން ވުޒާރާއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ ބޭނުމުގައެވެ.ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ. މީގެ އިތުރުންވެސް މި މުވައްސަސާގެ ތެރެއިން ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތުގެ ހުކުމްތަކާމެދު އާންމުންނާ ވިޔަފާރިތަކާ ދައުލަތުގެ އިދާރާތައް ހޭލުންތެރިކުރުން ހިމެނެއެވެ. ހަމަ އެއާއެކު މިއަދު ޒަކާތް ލިބިގަންނަ މީހާ މާދަމާ ޒަކާތް ނެރޭ ތަނަސް މީހަކަށް ބަދަލުކުރުމުގެ އަޒުމުގައި މުހިންމު އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގުންވެސް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.ޒަކާތަކީ އިސްލާމްދީން ބިނާވެފައިވާ 5 އަސާސުގެތެރެއިން އެއް އަސާސެވެ. ކީރިތި ޤުރުއާނުގައި ޒަކާތުގެ ވާހަކަ 33 ފަހަރު ބަޔާންވެފައިވެއެވެ. އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކުރައްވައި ޝަރީޢަތުގެ އަސާސެއްކަމުގައި ކަނޑައެޅުއްވުމުގެ ހިކުމަތަކީ އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމެވެ. ދޭދޭ ފަރުދުން އެކަކު އަނެކަކަށްޓަކައި ބާއްވަންޖެހޭ އުހުއްވަތްތެރިކަމުގެ ގުޅުން އޭގެ އެންމެ މަތީ ދަރަޖައިގައި ޤާއިމުކުރުމަށް މަގުފަހިކުރުމެވެ. ޒަކާތުގެ ނިޒާމު ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ދައުލަތުން އިސްވެ ޤާއިމުކުރަންޖެހޭ ޝަރުޢީ އަދި ދީނީ އަސާސީ ޚިދުމަތެއްގެ ގޮތުގައެވެ. ކަނޑައެޅިފައިވާ މިންވަރު ޒަކާތް ވާޖިބުވާ ފަރާތްތަކުގެ އަތުން ނަގައި އަދުލުވެރިކަމާއެކު ޒަކާތުގެ ހައްޤުވެރިންނަށް ފޯރުކޮށްދިނުމަކީ އިސްލާމީ ވެރިކަމުގެ ޒިންމާއެކެވެ.
އިތުރު ލިޔުންތައް

ގައުމުގެ އިގްތިސާދީ ހާލަތަށް ބަލައި މަސްފެންގަނޑު ނުހަދަން ނިންމައިފި
8 މަސް ކުރިން
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ޖަލްސާއެއް ބާއްވަނީ
6 މަސް ކުރިން-1726919050185.webp&w=3840&q=75)
ހަރުކަށި ފިކުރަށް އެއްބާރުލުން ނުދިނުން ހިމެނޭގޮތަށް އިމާމުންގެ ސުލޫކީ މިންގަނޑު އެކުލަވާލައިފި
6 މަސް ކުރިން