ބޭރު ފައިސާއާއި ބެހޭ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި

20 ފެބްރުއަރީ 2025 - 14:08
ބޭރު ފައިސާއާއި ބެހޭ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން ބުނީ ބޭރު ފައިސާއާއި ބެހޭ ގަވާއިދުތައް ހެދުމާއި ތަންފީޒުކުރުމަކީ އެމްއެމްއޭގެ ޒިންމާއެއް ކަމަށްވާތީ ބޭރު ފައިސާއާއި ބެހޭ އާންމު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިގަވާއިދުގެ މައިގަނޑު ބޭނުމަކީ ބޭރު ފައިސާ އިން ކުރާ މުއާމަލާތްތައް ކަނޑައެޅުމާއި ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމާއި އަދި މިކަމާގުޅުން ހުރި އެހެނިހެން ކަންކަމާ ބެހޭ އުސޫލުތަކާއި އިޖުރާއަތު ކަނޑައެޅުން ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ.
މިހާރު އެކުލަވާލަފައިވާ ބޭރުފައިސާ އާއި ބެހޭ އާންމު ގަވާއިދަށް އާންމުންގެ އެއްވެސް ކޮމެންޓެއް ވާނަމަ މި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ([email protected]) މެއިލް ކުރުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.
ބޭރު ފައިސާ އާއި ބެހޭ ގަވާއިދަށް މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އެމްއެމްއޭއިން އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.
މި ގަވާއިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، އަހަރެއްގެ ތެރޭގައި 15 މިލިއަން އެމެރިކާ ޑޮލަރު ލިބޭ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ. މިކަން ކުރުމަށް ގަވާއިދުގައި ބަޔާންކުރާ ފަހު ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަހެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން މި ދާއިރާގައި ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓަރީކުރަންޖެހެނީ އެފަރާތްތަކުން ވިޔަފާރި ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.
މީގެ އިތުރުން ނިމިދިޔަ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބިފައިވާނަމަ، އެފަރާތަކުން މި އަންނަ މަހުގެ ތިނެއްގެ ކުރިން އެމްއެމްއޭގައި ރަޖިސްޓަރީކުރަންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
8 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
7 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
7 މަސް ކުރިން