logoEN
ޚަބަރު

އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މުވައްޒަފުން ލިބުމުގެ ދަތިކަން: ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުރިއަށް ގެންދާ މަސައްކަތްތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަނގަޅު ދިވެހި މުވައްޒަފުން ލިބުން ދަތިވުން ކަމަށް ވެމްކޯގެ ހައުސްހޯލްޑް އެސިސްޓެންޓް މެނޭޖާ ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މަޢުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ރަޝީދު ދައްކަވަމުން ވިދާޅުވީ، ދިވެހި މުވައްޒަފުން ލިބެން ދަތިވާ މައިގަނޑު ސަބަބަކީ ކުނި ނެގުމުގެ މަސައްކަތާއި މެދު ދިވެހީން ގެންގުޅޭ ނުރަނގަޅު ނަޒަރިއްޔާގެ ސަބަބަުން ކަމަށާއި، ދިވެހީން ކުނި މާނަކުރެވޭ ގޮތް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ހަލާލު ރަނގަޅު މަސައްކަތެއް ކޮށްގެން ފައިސާ ހޯދުމަކީ އެކަމަކަށް ފާޑުކިޔުން ރައްދުވާންވީ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުނި ނެގުމަކީ މީ ހަޑި ކަމެއް ނޫން. ނޫނިއާ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން. ހަލާލު ގޮތުގައި ކުރާ ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެއް-ވެމްކޯގެ ހައުސްހޯލްޑް އެސިސްޓެންޓް މެނޭޖާ ހުސައިން ރަޝީދު

މީގެ އިތުރުން ވެމްކޯގެ ކުނި ނެގުމުގައި އުޅުއްވާ ބޭރު މުވައްޒަފުންނާއި މެދު ބައެއް ދިވެހީން ގެންގުޅުއްވާ ތަފާތުކުރުންތައް ހުއްޓެވުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ރަޝީދުއާއިއެކު މި ޕްރޮގްރާމުގައި ބައިވެރިވެލައްވާ ވެމްކޯގެ ހައުސްހޯލްޑް އެސިސްޓެންޓް މެނޭޖާ އަހްމަދު އީމާން ވިދާޅުވީ، ވެމްކޯގެ އެކި މަސައްކަތްތަކުގައި 7-8 އަހަރު މަސައްކަތް ކުރައްވަމުން އަންނަ ދިވެހި މުވައްޒަފުން އެބަ ތިބި ކަމަށާއި، ކޮންމެ ބޭފުޅަކުވެސް މަސައްކަތާއިގެން ޝައުގުވެރިކަމާއި އެކު އުޅޭނަމަ މިއީ ވަރަށް ޕޮސިޓިވް މަސައްކަތެއްކަން ދެނެގަނެވޭނެ ކަމަށެވެ.

މިތަނަށް ބޭނުންވަނީ ވަރަށް ޑިވޯޓެޑް، ވަރަށް ކުރާހިތުން މިކަން ކުރަން ބެނުންވާ މުވައްޒަފުން. އެބައި އަޅުގަނޑަށް ހީވަނީ ދަށްވަނީ ދިވެހި ބޭފުޅުންގެ. ހާއްސަކޮށް އޮޕަރޭޝަންގައި އުޅުއްވާ ބޭފުޅުން-ވެމްކޯގެ ހައުސްހޯލްޑް އެސިސްޓެންޓް މެނޭޖާ އަހްމަދު އީމާން

މިއާއެކު ކުނި ނެގުމުގެ މަސައްކަތަކީ އާންމުން ވަރަށް ބަލައިގަންނަ އަސާސީ ޚިދުމަތެއްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ދިވެހި ޒުވާނުންނާއި، ދިވެހި އެކި ރައްޔިތުން ކުނި ނެގުމުގެ ޚިދުމަތުގައި ބައިވެރިވުމަކީ އޭނާގެ އުންމީދު ކަމަށް އީމާން ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުންވެސް ވެމްކޯގެ މުވައްޒަފުން ކުރާ މަސައްކަތް ބަލައިގަނެ، އެބޭފުޅުންނަށް އެއްބާރުލުން ދިނުމަށް އީމާން ވަނި އެދިފައެވެ.

ކޮމެންޓް

871x217_placeholder