ވިޔަފާރި ފުޅާކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް: ވެމްކޯ
17 އޯގަސްޓު 2025 - 04:12

ވެމްކޯއިން ކުނި މެނޭޖްކުރުމުގެ ބަދަލެއްގެ ގޮތުން ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބިން ހޯދުމަށް އެކި ކައުންސިލްތަކާއި މަޝްވަރާ ކުރަމުންދާ ވާހަކަ ބަޔާންކޮށް ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތް އޮޅޭނެހެން ފަތުރާ ވާހަކަތަކެއްކަން އެކުންފުނިން ހާމަކޮށްފިއެވެ.
ރަށް ރަށުގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލެއްގެ ގޮތުން އެ ރަށްރަށުގައި ގެސްޓްހައުސް ހިންގަން ބިން ދިނުމާމެދު ކައުންސިލްތަކާއެކު ވެމްކޯއިން މަޝްވަރާކުރަމުން އަންނަކަމަށް ބުނެ ފެތުރެމުން އަންނަ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ވެމްކޯއިން ވަނި ދެކަމެއް ފާހަގަކޮށްފައެވެ.
އެގޮތުން ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ސަރުކާރުން ސަބްސިޑައިޒް ކުރެވިގެން ކުރަމުންއަންނަ މަސައްކަތެއްކަން ފާހަގަކޮށް ނަމަވެސް، މިމަސައްކަތަކީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއްގެ ގޮތުގައި ނުބާއްވާ، މިމަސައްކަތަކީ އަރަނިވެރި މަސައްކަތަކަށް ހެދުމަކީ މިސަރުކާރު އަދި މިވަގުތު ކުންފުނީގެ މެނޭޖްމަންޓްއިން އެންމެ އިސްކަމެއްދެވޭ އެއްކަންކަމުގައި ވެމްކޯއިންވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation
މިކަން ހާސިލް ކުރުމަށް ވެމްކޯގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަމުން ދާހިނދު، ޚިދުމަތްފެށޭ ކޮންމެ ރަށަކީވެސް ވަކި ޕްރޮފިޓް ސެންޓަރަކަށް އެމަރުކަޒެއްގެ ޚަރަދުތައް ވަކިން ބެލި އަދި ކުންފުނީގެ ޖުމްލަ ފައިދާއަށް ހިއްސާވާ މަރުކަޒެއް ބަލައިގެން ކުރިއަށް ދިޔުމަށް ރާވާފައިވާކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.
"ނަމަވެސް ރަށްރަށް ވަކިން ހުރުމާއި އާބާދީ ކުޑަވުމުގެ ސަބަބުން އާމްދަނީ އާއި ޚަރަދު ބައްދަލުކުރަނީކަމަށް ވަނީނަމަ ރައްޔިތުންނަށް އުފުލޭ ވަރަށްވުރެ ބޮޑު ބުރައަކަށް ވެގެންދާނެއެވެ. އެހެންކަމުން މި ކުންފުނިން މިވަނީ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތެއް ކަނޑައަޅާއި، އެކަމުގެ މަސައްކަތްތައް ފަށާފައެވެ. " ވެމްކޯއިން ބުންޏެވެ.
ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ވެމްކޯއިން ފޯރުކޮށްދޭ ކުނި މެނޭޖްކުރުމުގެ މައިގަނޑު ޚިދުމަތްތައް ދެމެހެއްޓުމާއި މާލީ ރައްކާތެރިކަން ދެމެހެއްޓުންކަމަށް ވެމްކޯއިންވަނީ ބުނެފައެވެ.
ވެމްކޯއިން ބުނީ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، އަމަލު ކުރުމަށް ނިންމާފައިވާނީ، މިސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައި، އަދި އެފަރާތްތަކާއި ގުޅިގެންކަމަށެވެ.
ވިޔަފާރި ފުޅާ ކުރުމުގައި ބެލޭނީ ޚިދުމަތް ފޯރުކޮށްދޭ ރަށެއް ނުވަތަ ސަރަހައްދެއްގައި ކުރެވޭނެ އަދި ފައިދާއެއް ނެރެވޭނެ ވިޔަފާރިތަކަށް ބަލާ އެކަންކަން ދިރާސާކުރުމަށްފަހުގައިކަމަށާއިމިގޮތުން މިވަގުތު މިފަދަ 3 ޕްރޮޖެކްޓެއްވާނީ ގެޒެޓް ކުރެވިފައިކަމަށް ވެމްކޯއިން ބުނެއެވެ.
" އެއީ ކ. ތިލަފުށި އަދި ހިންމަފުށި ފަޅު ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމުގެ އިތުރުން ކުނި ރީސައިކަލް އަދި އަލުން ބޭނުން ކޮށްގެން އެކަމުން ވިޔަފާރިއެއް ފެށުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އިޢުލާން ކުރެވިފައިވާނެއެވެ. " ވެމްކޯއިން ބުންޏެވެ.
މިގޮތުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓް/ވިޔަފާރި މަސައްކަތަކީ ކުންފުނިން އަމިއްލައަށް ކުރުމަށް ނިންމާފައިވާ މަސައްކަތްތަކެއް ނޫންކަމަށާއި ހުށަހެޅޭ ބީލަންތައް ކާމިޔާބު ކުރާފަރާތާއި އެކު ފައިދާ ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން އެއްބަސްވުމުގައި ސޮއިކުރެވިގެން ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއްކަން ކުންފުނިންވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިވަގުތު ރާއްޖޭގައި މި ވިޔަފާރި ކުރަމުންދާ ނުވަތަ މިފަދަ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތަކަށް ފުރުސަތު ހުޅުވާލެވިފައިވާނެކަމަށް ކުންފުނިން މައުލޫމާތުދެއެވެ.
ހަގީގަތާ ހިލާފް ވާހަކަ ނުފެތުރުމަށާއި ނޫސްވެރިންގެ ފަރާތުން ޒިންމާދާރު ގޮތެއްގައި މަސައްކަތް ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.