ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތަށް އޮންލައިން ބުކިންގްސް ތައާރަފްކުރަނީ
16 ފެބްރުއަރީ 2026 - 08:25

ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތަށް އޮންލައިން ބުކިންގްސް ތައާރަފްކުރަން ނިންމާފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ.
މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ސެންޓްރަލް އޮޕްރޭޝަންސް މެނޭޖަރ ޢަބްދުﷲ ސިނާން ވިދާޅުވީ ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސަރވިސް ތައާރަފްވި ހިސާބުން ފެށިގެން މިހާތަނަށް އަންނަނީ ހޮޓްލައިން 1666 އަށް ގުޅައިގެން ދަތުރު ބުކް ކޮށްގެން އެ ހިދުމަތް ދެމުން ކަމަށެވެ.

Ad by Hajj Corporation
އެހެންނަމަވެސް އޮންލައިން ބުކިންގްސް ހެދޭނެ ސިސްޓަމެއް ވަރަށް އަވަހަށްގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ސިނާނު ވިޑާޅުވިއެވެ. އަދި މަސައްކަތްކުރަނީ މިއަހަރުގެ ތެރޭގައި އެ ސިސްޓަމް ތައާރަފްކުރެވޭތޯ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އަމިއްލަ ފަރާތްތަކުގެ ޕިކަޕްތަކާއި ޓެކްސީގެ ހިދުމަތްދޭ ޕިކަޕްތަކުގައި ވެސް ކުނި ގެންދެވޭނެކަން ފާހަގަކުރައްވާ ސިނާން ވިދާޅުވީ މިކަމަށް ގޭޓް ފީ އެއް ނަގާނެ ކަމަށެވެ. އެގޮތުން މީގެކުރިން ނެގި ފީއަށް ވުރެ މިހާރު ނަގާ އަގަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.
ސިނާން ވިދާޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ޓަނަކަށް ނަގަމުން ދިޔައީ 1000 ރުފިޔާ ކަމަށާއި މިހާރު ނަގަނީ ޓަނަކަށް 500 ރުފިޔާ ކަމަށެވެ.


