މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހުކޮށްފި
22 ސެޕްޓެމްބަރު 2025 - 11:11
މ. މަޑުއްވަރީގައި ސަރުކާރުން ގާއިމުކުރި ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.
މަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަޑުއްވަރީއަށް ވަޑައިގެން ބޭއްވި ރަސްމީއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މިމަސައްކަތް އިފްތިތާޙުކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އަދި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖްތަބާ ޖަލީލް، ކައުންސިލް ރައީސް މުހައްމަދު ސާދިޤު ބައިވެރިވެވަޑައިގެންނެވިއެވެ.
މަޑުއްވަރީ ވޭސްޓް މެނޭޖްމަންޓް ޕްލާންޓުގެ މަސައްކަތް ނިމޭއިރު މަޑުއްވަރީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަސަައްކަތް ކުރުމަށް ވެމްކޯއާ ހަވާލު ކުރީ މި އަހަރުގެ މާޗް މަސް ތެރޭގައެވެ. 32 ރަށެއްގައި މި މަސައްކަތް ކުރުމަށް ވެމްކޯއާ ހަވާލު ކުރިއިރު މި ރަށްތަކުގެ މަސައްކަތްތައް މިއަހަރުގެ 3 ވަނަ ކުއާޓާގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އޮޅުންފިލުވާ ރަށުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއެވެ.

Ad by Hajj Corporation
ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެކެވެ.


